27 Sep 2017, 15:15
ކުރުދީންގެ އެއާޕޯޓުތައް ތިން ދުވަހުގެ ތެރޭގައި އިރާގު ސަރުކާރާ ހަވާލުކުރުމަށާއި އެހެން ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވެއްޖެ އެވެ.
އިއްޔެ ބަގްދާދުގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަބާދީ ވިދާޅުވީ ތިން ދުވަހުގެ ތެރޭގައި އެގޮތަށް އަމަލުނުކޮށްފި ނަމަ އިރާގީ ކުރުދިސްތާނަށް ދަތުރުކުރާ ހުރިހާ ބައިނަލަގްވާމީ ފްލައިޓެއް ކެންސަލް ކުރާނެ ކަމަށެވެ.
މިދިޔަ ހަފްތާގައި އިރާގުން ވަނީ ކުރުދިސްތާނަށް ސީދާ ދަތުރުކުރާ ހުރިހާ ފްލައިޓެއް ހުއްޓާލުމަށް އެދި ގައުމުތަކަށް ގޮވައިލައިފަ އެވެ. ނަމަވެސް މިހާތަނަށް އެގޮތަށް އަމަލުކޮށްފައި ވަނީ ހަމައެކަނި އިރާނުން އެކަންޏެެވެ.
ކުރުދީން މިނިވަންކަން އިއުލާންކުރުމަށް ޓަކައި ހޯމަ ދުވަހު ނެގި ވޯޓަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އިރާގުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލާގައި ކުރުދީންނާ އެއްވެސް ވަރަކަށް ވާހަކަ ނުދައްކާނެ ކަމަށް ވެސް އިރާގުން ވަނީ ބުނެފަ އެވެ.
ތުރުކީން ވެސް ވަނީ ކުރުދީން ނެގި ޥޯޓާ ވަރަށް ބޮޑަށް ދެކޮޅު ހަދައިފަ އެވެ. އަދި ކުރުދީން ގޮތް ދޫ ނުކޮށްފި ނަމަ ތުރުކީގެ ބޯޑަރުތައް ބަންދުކޮށް ތެޔޮ އެކްސްޕޯޓުކުރުން ހުއްޓައިލަން ޖެހިދާނެ ކަމުގެ އިންޒާރު ތުރުކީން ވަނީ ދީފަ އެވެ. އަދި އަސްކަރީ ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަން ކުރުމަށް ވެސް ފަސް ނުޖެހޭނެ ކަމަށް ތުރުކީން ބުންޏެވެ.
ކުރުދީން ނެގި ފެންނަ ނުފެންނަ ވޯޓާ އަވަށްޓެރި ގައުމުތަކާ ހުޅަނގުގެ ކުރިހާ ގައުމުތަކުން ދެކޮޅު ހަދައިފައިވާއިރު ކުރުދީން މިނިވަންވުމަށް ހަމައަކެނި ތާއިދުކޮށްފައި ވަނީ އިސްރާއިލުން އެކަންޏެވެ.
މައުލޫމާތު: ޕްރެސް ޓީވީ