27 Sep 2017, 17:09
ސައޫދީ އަރަބިއާގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ދެޖިންސް މަސްހުނިކޮށް ފިރިހެނުންނާއެކު އަންހެނުން ބައިވެރި ކުރުމުން އެއްބަޔަކު އެގައުމުގެ ސަރުކާރަށް ފާޑުކިޔަމުންދާއިރު އަނެއް ބަޔަކު ގެންދަނީ އެކަމަށް ތާރީފުކޮށް އެއީ ކުރުން މާބޮޑަށް ލަސްވެފައިވާ ކަމެއްކަމަށް ސިފަކުރަމުންނެވެ.
ސައޫދީ ރައްޔިތުންގެ މެދުގައި ހިނގަމުންދާ މި ކޯޅުންތައް އެންމެ ބޮޑީ ސޯޝަލް މީޑިއާގައެވެ. ސޯޝަލް މީޑިއާގެ ތެރެއިން ވެސް ޓުވިޓާގަ އެވެ. އެހެން އަހަރުތަކާ މުޅިން ޚިލާފަށް ސައޫދީ ރަސްކަމުގެ ނިޒާމަށް އަށްޑިހަ ހަތް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ވެރިރަށް ރިޔާޟުގައި މި ހަފްތާގައި ބޭއްވި ހަފްލާތަކުގައި ބަޑިބޭހުގެ ކުޅިވަރުތަކުގެ އިތުރުން މިޔުޒިކާއި ލަވަ އާއި ނެށުންވެސް އޮތެވެ. ހަފްލާ އޮތީ ވެސް ދެ ޖިންސްގެ ޒުވާނުން އެއްކޮށެވެ.
މިހާތަނަށް ސައޫދީ އަރަބިޔާއަކީ އިންޖިތިމާއީ ކޮންމެ ކަމެއްގައި ވެސް އަންހެނުންނާއި ފިރިހެނުން ވަކިކުރުމުގެ ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ގައުމެކެވެ. އަދި ޚާއްސަކޮށް މިޔުޒިކާއި ލަވަ އާއި ފަންނަކީ ސައޫދީ ބައެއް އިލްމުވެރިންގެ ނަޒަރުގައި "ހަރާމް" ކަމެކެވެ. ނުވަތަ އެއީ މާތް ﷲ ސުބްޙާނަހޫ ވަތައާލާއަށް "އުރެދުމުގެ" ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް ސައޫދީ ސަރުކާރުން މިފަހަރު މި ވަނީ މިކަން މުޅިން ބަދަލުކޮށްލާފައެވެ.
ވެރިރަށް ރިޔާޟުގެ ކިންގް ފަހްދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިހަފްތާގެ ކުރީކޮޅުގައި ވަނީ މިޔުޒިކާއި ނެށުން ހިމެނޭ ކޮންސެޓެއް ބާއްވައި އެކޮންސެޓް ބެލުމަށް ދެޖިންސްގެ ޒުވާނުން އެކުގައި ވަނުމުގެ ހުއްދަދީފަ އެވެ. މިއާއެކު އެއްބަޔަކު ޓްވިޓާގައި ވަނީ ކުރިން ހަރާމްވީ ކަމެއް މިހާރު ހުއްދަވީތޯ ސުވާލުކޮށްފައެވެ. ނަމަވެސް އެކަމަކީ އިސްލާމް ދީނުގައި ހަގީގަތުގައި ހަރާމް ކަމެއްނަމަ އެކަން ފަހުން ހަލާލުނުވާނެ ކަމަށާްި އަދި ހަލާލު ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށް އެ ފަރާތްތަކުން ބުނެފައިވެ އެވެ.
އަނެއް ބަޔަކު ބުނެފައި ވަނީ މިޔުޒިކް ހަރާމްކުރާ ދީނީ އެއްވެސް ނައްސެއް ނެތްކަމާއި ސައޫދީގައި މިކަން ގޯސްކަމަކަށް ވެފައި އޮތީ އާދަކާދައިގެ ތެރެއިން ކަމުގައެވެ. ސައޫދީ ޓްވިޓަރުންގެ ތެރެއިން ހަރުކަށި ވިސްނުމުގެ މީހުން ވަނީ މިޔުޒިކާއި ލަވަ އާއި ދެޖިންސް މަސްހުނި ކުރުން ހުއްޓުވުމަށް ސައުދީ ދީނީ ފުލުހުން ނެރެން ގޮވާލާފަ އެވެ. މިގޮތުން ލަދެއް، ދީނެއް އަދި ވަންހައެއް ނެތް ކަމަށް ބުނެ ހަރުކަށި ވިސްނުމުގެ މީހުން ވަނީ ސައޫދީ ސަރުކާރުގެ މިނިންމުމާ ދެކޮޅަށް ވަރަށް ހަރުކަށިކޮށް ޓްވިޓާގައި ފާޑުކިޔައި ވީޑިއޯތައްވެސް އަޕްލޯޑްކޮށްފަ އެވެ. މިޔުޒިކް ހުއްޓުވުމަށް ދީނީ ފުލުހުން ނެރުމަށް ގޮވާލާއިރު ސައޫދީ ސަރުކާރުން މިދިޔަ އަހަރު ވަނީ ދީނީ ފުލުހުންގެ މުއައްސަސާގެ ބާރު ކަނޑުވާލައި އެ މުއައްސަސާއަށް ދީފައިވާ ކަންކަން ހުއްޓުވުމާއި މީހުން ހައްޔަރު ކުރުމުގެ ބާރު އެއްކޮށް ނިގުޅައިގެންފައެވެ. އަދި މިހާރު ސައޫދީ ސަރުކާރުން ގެންދަނީ އެމުއައްސަސާ ސައޫދީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
އަމްރު މައުރޫފްކޮށް މުންކަރާތްތައް ނަހީކުރުމަކީ ކޮންމެ މުސްލިމެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށާއި ކީރިތި ރަސޫލާ (ސލވ) ގެ ޒަމާނުގައިވެސް އަމްރު މައުރޫފްކޮށް މުންކަރާތްތައް ނަހީ ކުރުމަށް ވަކި މުއައްސަސާއެއް އެކުލަވާލާފައި ނުވާ ކަމަށް ގިނަ އިލްމުވެރިން ދެކެވަޑައިގަންނަވައެވެ.
މިމައްސަލާގައި ސައޫދީ މުފްތީ ވެސް އަދި ސައޫދީ އިސް އިލްމުވެރިންގެ ތެރޭގައި ހިމެނޭ އިސްބޭފުޅަކު ވެސް ވާހަކަ ދައްކަވާފައެއް ނުވެއެވެ. ނަމަވެސް އިޖްތިމާއީ ގޮތުން ބަންދުކޮށްފައިވާ ސައޫދީ މުޖްތަމައު ދުނިޔެއަށް ހުޅުވާލުމުގެ ގޮތުންނާއި ތަރައްގީއާއި ކުރިއެރުމަށްޓަކައި ސައޫދީ ޒުވާން ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްތަކަށް އެގައުމުގެ ސަލަފީ ފިކުރުގެ އިސްއިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުން ތާއީދު ކުރައްވާކަން އެބޭފުޅުންގެ ޓްވީޓްތަކުން ހާމަވެފައިވެއެވެ.
އަނެއްކޮޅުން ސައޫދީ ސަރުކާރުން ވަނީ އެގައުމުގެ އިގްތިސާދު ފުޅާކުރުމަށްޓަކައި ޔޫރަޕްގައި ހުންނަ ފެންވަރުގެ ޓޫރިސްޓް ރެސޯޓްތައް (ގާތްގަނޑަކަށް ފަންސާސް ރެސޯޓް) ރަތްކަނޑުގެ އައްސޭރި ފަށުގެ ސަރަހައްދުގައި ތަރައްގީ ކުރުމަށް ނިންމާފައެވެ. މިއީ އަންހެނުންނަށް ބިކިނީގައިވެސް އުޅުމުގެ ފުރްސަތު ލިބިދޭ ރެސޯޓްތަކެވެ. މީގެއިތުރުން ސައޫދީ ރަސްގެފާނު އިއްޔެވަނީ އެގައުމުގެ އަންހެނުންނަށް ކާރު ދުއްވުމުގެ މިނިވަންކަންވެސް ދީފައެވެ.
ސައޫދީ އަކީ އަންހެނުންނަށް ކާރު ދުއްވުމުގެ ފުރްސަތުވެސް މިހާތަނަށް ނުދީއޮތް ހަމައެކަނި ގައުމެވެ. މިކަންވެސް އެއްބަޔަކު ދީނީ ކަމަކަށް ހަދައިގެން މަނާކޮށްފައިވާއިރު އަނެއްބަޔަކު ބުނަނީ މިކަން މަނާކޮށްފައިވަނީ ސައޫދީ އާދަކާދައިގެ ތެރެއިން ކަމުގައެވެ. މިމައްސަލާގައިވެސް ސައޫދީ ރައްޔިތުންގެ ތެރޭގައި ހިމެނޭ މިކަމާ އިދިކޮޅު ފަރާތްތަކާއި އެއްކޮޅު ފަރާތްތަކުން ގެންދަނީ ޓްވިޓާގައި ޖަދަލުކޮށް ވަރުގަދައަށް ޒުވާބު ކުރަމުންނެވެ.
މިކަންކަމަށް ބަލާއިރު ސައޫދީ މުޖްތަމައުވަނީ ދީނީ ގޮތުން ހަރުކަށި ވިސްނުމުގެ މީހުންގެ ފިކުރާއި ޔޫރަޕްގެ ލެބަރަލް ވިސްނުމުގެ މީހުންގެ ފިކުރުގެ ދެމެދުގައި ތާށިވެފައެވެ. ސައޫދީ އަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ މިޔުޒިކް ފަދަ ފަންނުތައްވެސް ކުރިއަރުވައިގެން އަންހެނުންނަށްވެސް މިނިވަންކަން ދީގެން އަންހެނުންނަށް ގުދްރަތީ ގޮތުން ލިބިފައިވާ ހުނަރުތައް ބޭނުންކުރުމުގެ ހައްގާއި ފުރްސަތު ދީގެން ކަމަށް މިނިވަން ފިކުރުގެ މީހުންދެކެއެވެ.
އަދި އަންހެނުންނަކީ ހަމައެކަނި ދަރިން ބެލުމުގެ ހުނަރު ހުންނަ ބައެއްނޫންކަމާއި ގުދްރަތުން އަންހެނުންނަށް އެނޫން އެތަށް ހުނަރުތަކަކާއި ގާބިލްކަން ދެއްވާފައިވާއިރު އެހުނަރުތައް ގަދަބާރުން ހިފެހެއްޓުމަކީ ތަރައްގީއަށް އެޅޭ ހުރަހެއްކަމާއި މިކަން މިހާރުވެސް ސައޫދީ މުޖްތަމައުން ފެންނަމުންދާކަމަށް މިނިވަން ފިކުރުގެ ސައޫދީ ރައްޔިތުން ދެކެއެވެ. ސައޫދީގައި ދާދިފަހުންވަނީ ފަންނުތައް ކުރިއެރުވުމަށާއި މުނިފޫހި ފިލުވުމާބެހޭ ރަސްމީ މުއައްސަސާއެއްވެސް އުފައްދާފައެވެ.