29 Jul 2011, 21:25
ގދ. ތިނަދޫގައި ދަންޖެހިގެން މަރުވާން އުޅުނު ކުޑަކުއްޖަކު ސަލާމަތްކޮށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އެބަދެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 11:30 އެހަކަންހާއިރު ތިނަދޫ ގެއެއްގެ ގޯތި ތެރޭގައި ދަންޖެހިފައި ހުއްޓާ ސަލާމަތްކޮށްފައި ވަނީ ނުވަ އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ކުޑަ ކުއްޖާ ދަންޖެހިފައި ވަނީ ތިނަދޫ ގެއެއްގެ ގޯތި ތެރޭގައި ހުރި ރުކެއްގަ އެވެ. ފޮތް އައްސާ ބެލްޓެއް ބޭނުންކޮށްގެން ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ބޮޑު ބޭބެއަކަށެވެ.
ދަންޖެހުނު ކުއްޖާގެ އާއިލާއާ ގުޅުން އޮންނަ ތިނަދޫ މީހަކު ބުނީ ނުވަ އަހަރުގެ ކުއްޖާ ދަންޖެހުނީ މިއަދު ހެނދުނު އެކުއްޖާ ރަށުގެ ގޮނޑަށް ދިއުމަށް ފަހު ގެނައީ ކުޅޭ އެއްޗެއް ގޭގެ އެހެން ކުދިންނާއެކު ކުޅުމުގެ ތެރޭގައި ދިމާވި ހިތްހަމަ ނުޖެހުމަކާ ގުޅިގެން ކަމަށެވެ.
"އެކަމާ ގުޅިގެން އޭނާ ގޭތެރެއިން ނުކުތީ. އޭގެ ފަހުން އޭނާގެ މަންމަ ބުނީ ބަލައިބަލާށޭ ކޮބައިތޯ، ދެން އޭގެ ބޮޑަށް ހުންނަ ކުއްޖާ ބެލި އިރު އޮތީ ރުކުގައި ދަންޖެހިފައި،" އޭނާ ބުންޏެވެ.