27 Sep 2017, 13:59
ބަތަލާ އާލިއާ ބަޓްގެ ކުރިއަށް އޮތް ފިލްމު 'ރާޒީ'ގައި އޭނާގެ މަންމަގެ ރޯލުން ފެނިގެން ދާނީ އޭނާގެ އަސްލު މަންމަ ސޯނީ ރަޒްދާން ކަން ޔަގީން ވެއްޖެ އެވެ.
ސޯނީ ރަޒްދާން ފިލްމަކުން ފެނިގެން މިދަނީ ގިނަ އަހަރުތަކެއް ވަންދެން ކެމެރާ އާއި ދުރުގައި ހުރުމަށް ފަހު އެވެ. މޭގްނާ ގުލްޒާރްގެ ފިލްމު 'ރާޒީ'ގައި އާލިއާއާ އެކު ފެނިގެން ދާނީ ވިކީ ކޯޝަލް އެވެ.
އާލިއާ އާއި ސޯނީ ވަނީ ވަރަށް ފަހުން ކަޝްމީރުގެ ސްރީނަގަރް ގައި މަންޒަރުތަކެއް ޝޫޓުކޮށްފަ އެވެ. އަދި މަންމަ އާއި ދަރިފުޅު އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރު ކަމުން، ޝޫޓިން ކުރިއަށް ދިޔަ ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ ޖަމާވެފަ އެވެ.
'ރާޒީ' އަކީ ހަރިންދަރު ސިއްކާގެ ފޮތް 'ކޯލިންގ ސެހްމަތު'ގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގައި އާލިއާ އަދާކުރާނީ އިންޑިއާގެ އިންޓެލިޖެންސަށް މައުލޫމާތު ފޯރުކޮށްދޭ ކަޝްމީރު އަންހެނެއްގެ ރޯލުންނެވެ. ފިލްމުގައި އާލިއާގެ ފިރިމީހާގެ ރޯލުން ފެނިގެންދާ ވިކީ ކޯޝަލް އަކީ ޕާކިސްތާނުގެ މިލިޓަރީ އޮފިސަރެކެވެ.
އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.