27 Sep 2017, 15:17
ބޭންކޮކް (ސެޕްޓެމްބަރު 27): ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަތްރާގެ ޣައިރު ހާޒިރުގައި އޭނާ ފަސް އަހަރަށް ޖަލަށް ލުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ މަހު ތައިލޭންޑު ދޫކުރައްވާ ފިއްލެވި ޔިންގްލަކްގެ މައްޗަށް ޖަލު ހުކުމް ކުރީ އޭނާގެ ވެރިކަމުގައި ހަނޑުލުގެ ސަބްސިޑީ ސްކީމެއް ކުރިއަށް ގެންދިޔުމުގައި އިހުމާލުވި ކަމަށް ސާބިތުވުމުންނެވެ.
ތައިލޭންޑުގެ ފަގީރުންނަށް އެހީވުމުގެ ގޮތުން ކުރިއަށްގެން ދިޔަ އެ ސުކީމުގެ ދަށުން ޔިންގްލަކްގެ ސަރުކާރުން ވަނީ ދުނިޔޭގެ ބާޒާރުގައި ހަނޑޫ ވިއްކާ އަގަށް ވުރެ ބޮޑު އަގަކަށް އެގައުމުގެ ދަނޑުވެރިންގެ އަތުން ހަނޑޫ ގަނެފަ އެވެ. ނަމަވެސް އޭގެ ސަބަބުން އެގައުމުން ހަނޑޫ އެކްސްޕޯޓު ކުރާ މިންވަރު ދަށްވެ، އަށް ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ކަމަށް ތައިލޭންޑުގައި މިހާރު އޮތް އަސްކަރީ ސަރުކާރުން ބުނެ އެވެ.
ޔިންގްލަކް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މީގެ ކުރިން ދޮގުކުރައްވާފަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން މިވަގުތު އޭނާ ހުންނެވީ އޭނާގެ ބޭބެ ތަކްސިން ޝިނަވަތްރާއާ އެކު ދުބާއީގަ އެވެ. މީގެ ކުރިން ތައިލޭންޑުގެ ބޮޑުވަޒީރުކަން ކުރެއްވި ތަކްސިން ދުބާއީއަށް ވަޑައިގެންނެވީ 2008 ވަނަ އަހަރު އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރުމާ ގުޅިގެންނެވެ. (ބީބީސީ)