ގއ. ވިލިނގިލީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެރިކަން ކުރާ ޕީޕީއެމް އަށް ގެއްލުމުން ލިބުނު މާޔޫސްކަން ފިލުވާލުމަށް ރައްޔިތުންގެ ވިލިނގިލީ ދާއިރާގެ ބައި އިލެކްޝަން އެ ޕާޓީން ކާމިޔާބު ކުރަންޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ވިލިނގިލި ދާއިރާ އަށް ޕީޕީއެމުން ކުރި ކެމްޕެއިން ދަތުރެއްގައި ރޭ ވިލިނގިލީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އެ ރަށާކީ ޕީޕީއެމްއަށް ބޮޑު މެޖޯރިޓީއެއް އޮތް ރަށެއް ނަމަވެސް އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބްގައި އެރަށުން އެންމެ ގޮޑިއެއްވެސް ކާމިޔާބު ނުކުރެވުމުން މާޔޫސްކަން ލިބިފައިވާ ކަމަށެވެ.

"އެއް ގޮތަކަށް ވެސް މާޔޫސް ވެގެން ތަންމަތީގަ އޮށޯވެގެން އޮތުމަކީ މި ޒަމާނުގައި މީހުން ކުރާ ޒާތުގެ ކަމެއް ނޫން. އެ މާޔޫސް ކަން ފިލުވާލުމަށްޓަކައި ވަރަށް ރަނގަޅު ފުރުސަތެއް އަޅުގަނޑުމެންނާ ވަރަށް ކައިރިން ބައްދަލުކުރޭ. މި ފުރުސަތުގެ ބޭނުން ތިޔަ ބޭފުޅުން ހެޔޮގޮތުގައި ހިތްޕަވާށޭ. ދަންނަވަން މި އުޅެނީ ކުރިމަތިވަމުން އަންނަ ބައި އިލެކްޝަންގެ ވާހަކަ،" އޭނާ ވިދާޅުވިއެވެ.

ފޮނަދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ އަދުރޭ ވިދާޅުވީ ކައުންސިލަށްވުރެ ރައްޔިތުންނަށް މުހިންމުވެފައި ވަނީ މަޖިލީހުގެ ގޮނޑި ކަމަށެވެ. ސަރުކާރަށް ވެސް އެންމެ ބޭނުންތެރިވަނީ މަޖިލީހުގެ ގޮނޑި ކަމަށާއި ވިލިނގިލި ދާއިރާގެ ގޮނޑިއަކީ ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ގޮނޑިއެއް ނަމަ ކައުންސިލް ގެއްލުމުން ލިބޭނެ އުނި ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސަރުކާރުން ކަންތައްތައް ކޮށްދިނުމުގައި ކައުންސިލްތަކަށް ނުބަލާ ކަމަށާއި ކޮންމެ ޕާޓީއެއްގެ މެޖޯރިޓޯއެއް އޮތް ކައުންސިލެއް ނަމަވެސް އެ ރަށަކަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދޭނެ ކަމަށެވެ.

ރާއްޖެ އަށް ޑިމޮކްރަސީ ގެނައި ވަކި ބަޔެއް ކަމަށް ބުނަމުން ދާތީ އެކަމަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ ޑިމޮކްރެސީ މުޅި ދުނިޔެއަށް ގެނައީ އިސްލާމް ދީން ކަަމަށެވެ.

ވިލިނގިއްޔަކީ ޒަމާނުއްސުރެ އެމްޑީޕީއަށް ތާއިދު ކުޑަ ރަށެއް ނަމަވެސް ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަގަނޑުގެ ތެރޭގައި އެ ދާއިރާގެ މެންބަރު ސައުދު ހުސައިން ޕީޕީއެމް ދޫކުރައްވައި ނިކުމެވަޑައިގަތުމުން ގިނަ ރައްޔިތުންތަކެއް ވެސް ވަނީ ސަރުކާރާ ދެކޮޅަށް ނިކުމެފައެވެ.

ސައުދުގެ ސަޕޯޓަރުންގެ ވެސް އެހީއާއެކު ލޯކަލް ކައުންސިލް އިންތިހާބުގެ ވިލިނގިލީގެ ފަސް ގޮނޑި ވެސް ކާމިޔާބްކޮށްފައި ވަނީ އެމްޑީޕީންނެވެ.