27 Sep 2017, 12:09
ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރަން ފަށައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިންފޮމޭޝަން އޮފިސަރު ހަސަން ޒަހީން ވިދާޅުވީ މިއަދު ހެނދުނު 9:30 އިން ފެށިގެން އިންޓަވިއު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެ ދެ ކޯޓުގެ ގާޒީ ކަމަށް ޖުމްލަ 31 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ބައެއް ރަށްރަށުގެ މެޖިސްޓްރޭޓުންނާއި ބައެއް ކޯޓުތަކުގެ ލީގަލް އޮފިސަރުން ހިމެނެއެވެ.

ސިވިލް ކޯޓާއި ކްރިމިނަަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅަކު އިންޓަވިއުއަށްފަހު ޖޭއެސްސީން ނުކުމެވަޑައިގަންނަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
ސިވިލް ކޯޓަށް ދެ ގާޒީން ހަމަޖެއްސުމަށް ނިންމާފައިވާއިރު، ކްރިމިނަލް ކޯޓަށް ހަމަޖައްސަނީ ހަތަރު ގާޒީންނެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވީ ފަސް ގާޒީންނެވެ. ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަވެފައިވާތީ އިތުރު ގާޒީން ބޭނުންވާ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑުކޮށްފައިވާތީ މިހާރު އެ ކޯޓުގައި މަސައްކަތް ކުރައްވަނީ ހަތަރު ގާޒީންނެވެ.
ސިވިލް ކޯޓުގައި މިހާރު ތިއްބެވީ ޖުމްލަ 12 ގާޒީންނެވެ. އެ ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި ގާޒީ މަރިޔަމް ވަހީދު ވަނީ ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން މަގާމުން ވަކިކޮށްފައެވެ.
ގާޒި ކަމުގެ ޝަރުތަކީ ގާނޫނީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ.
ގާޒީއެއްގެ އަސާސީ މުސާރައާއި އެލަވަންސްތަކާ އެކު ޖުމްލަ 48،000 ރުފިޔާ ލިބޭނެ ކަމަށް ޖޭއެސްސީން ބުންޏެވެ.