27 Sep 2017, 14:07
ރާއްޖޭގެ ފުޓުބޯޅައިގެ އޮނިގަނޑު މުރާޖައާކޮށް ބަދަލުތައް ގެނައުމާ ގުޅޭ ގޮތުން ފުޓުބޯޅައިގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާ އެކު ފުޓުބޯލް އެސޯސީއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމުން) ބައްދަލުވުމެއް ބާއްވައިފި އެވެ.
ސޯލްޓް ކެފޭގައި އިއްޔެ ކުރިޔަށްދިޔަ މި ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދާއި ޖެނެރަލް ސެކްެރެޓަރީ އަހުމަދު މަރުޒޫގުގެ އިތުރުން އޭޝިޔާގެ ފުޓުބޯޅައިގެ މައި އިދާރާ (އޭއެފްސީ)ގެ ދެ ބޭފުޅަކުވެސް ވަނީ ބައިވެރިވެފަ އެވެ.
އެފްއޭއެމް އިން މައުލޫމަތު ދިން ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގަށް ގެނެވިދާނެ ބަދަލުތަކާ ފުޓުބޯޅައިގެ އޮނިގަނޑަށް ގެންނަ ބަދަލުތައް އެ ފަރާތްތަކާއި ހިއްސާކޮށް އެއަށް ގެންނަން ޖެހޭ ބަދަލުތަކާ އިތުރަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.
މީގެ އިތުރުން ރާއްޖޭގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދެވެން އޮތީ ފުޓުބޯޅައިގެ ވަރުގަދަ އޮނިގަނޑެއް ގެނެސްގެން ކަމަށް އޭއެފްސީން އަންގާފައިވާ ކަމަށާއި މި ބައްދަލުވުމުން ގިނަ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.
އެ ބައްދަލުވުމުގައި ފުޓުބޯޅަ އިތުރަށް ކުރިޔަށްގެންދިއުމަށް ކުރެވިދާނެ ގިނަ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ޔޫތު ޓީމުތައް ބައްޓަންކުރެވިދާނެ ގޮތްތަކާއި ފުޓުބޯޅައިގެ އޮނިގަނޑަށް ގެނެވިދާނެ ބަދަލުތަކާއި ގުޅޭގޮތުން ވަނީ ވާހަކަދައްކައިފަ އެވެ.
ބައްދަލުވުމުގައި ބައިވެރިވި ފުޓުބޯޅައިގެ ތަޖުރިބާކާރުންގެ ތެރޭގައި ކުރީގެ މަޝްހޫރު ކޯޗު މައުރޫފު އަހުމަދާއި އަލީ ސުޒެއިނާއި ކުރީގެ ގައުމީ ކެޕްޓަން އައްސަދު އަބްދުލް ޢަނީ ގެ އިތުރުން އެފްއޭއެމުގެ ޓެކްނިކަލް ޑިރެކްޓަރު ތުރުކީގެ ޖޭން ވަންލީ ހިމެނެ އެވެ.