ބަޣުދާދު (ސެޕްޓެމްބަރު 27): އިރާގުގެ ކިބައިން މިނިވަންވެ، ކުރުދީންގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ތާއިދުކޮށް ކުރުދީ ދަރިކޮޅުގެ މީހުން ވޯޓު ދީފި ކަމަށް ކުރުދިސްތާނުގެ ރައީސް މަސްއޫދު ބަރްޒާނީ ވިދާޅުވެއްޖެ އެވެ.

ދެހާސްތިން ވަނަ އަހަރު ސައްދާމް ހުސެއިންގެ ވެރިކަން ވައްޓާލި ފަހުން އިރާގުގައި ސަރަހައްދީ ވެރިކަމެއް ކުރަމުން އަންނަ ކުރުދީން ދެކޭ ގޮތުގައި އެއީ ގިނަ އަހަރުތަކެއް ވަންދެން މިނިވަން ދައުލަތެއް ގާއިމު ކުރުމަށް އެމީހުން ކުރަމުން އަންނަ މަސައްކަތަށް އެޅުނު ތާރީހީ ފިޔަވަޅެކެވެ.

އިރާގުގެ އާބާދީގެ 15 ޕަސެންޓް ހިއްސާ ކުރާ ކުރުދީންގެ ޓީވީ ރުޑޯ ޗެނަލްއިން ބުނި ގޮތުގައި ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 90 ޕަސެންޓް މީހުން ވަނީ މިނިވަން ދައުލަތެއް ގާޢިމު ކުރުމަށް ވޯޓު ދީފަ އެވެ. ނަމަވެސް އެވޯޓުގެ ރަސްމީ ނަތީޖާ އަދި ހާމަކޮށްފައި ނުވެ އެވެ.

އިރާގުގެ މައި ސަރުކާރުން ބުނާ ގޮތުގައި ހޯމަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓަކީ ގާނޫނާ ހިލާފަށް ނަގާފައިވާ ވޯޓެކެވެ. ސަބަބަކީ ކުރުދީންގެ ގާނޫނީ ވެރިކަމެއް އޮންނަ ސަރަހައްދުގެ އިތުރުން، އިރާގުގެ އުތުރުން ކުރުދީން ހިފާފައިވާ ސަރަހައްދުތަކުގައި ވެސް އެވޯޓު ނަގާފައިވާތީ އެވެ. އެސަރަހައްދުތަކުގެ ވެރިކަމާ ބެހޭ ގޮތުން އިރާގުގައި ވަނީ ދެބަސްވުން އުފެދިފަ އެވެ.

އިރާގުގެ އިތުރުން އީރާން، އެމެރިކާ، ޖަރުމަނުވިލާތް އަދި ރަޝިއާ އިން ވެސް ވަނީ އެގައުމުގައި އިސްލާމިކް ސްޓޭޓާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހޫނުވެފައިވާ ދަނޑިވަޅެއްގައި އެފަދަ ވޯޓެއް ބޭއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެފަ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެގައުމުތަކުން ވޯޓާ ދެކޮޅު ހަދަނީ އިރާގުގެ ކުރުދީ ދަރިކޮޅުގެ މީހުންނަށް ޚާއްސަ މިނިވަން ދައުލަތެއް އުފައްދައިފި ނަމަ އީރާނާއި ތުރުކީގައި ދިރިއުޅޭ ކުރުދީން ވެސް ވަކިވެގަތުމަށް މަސައްކަތްކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ.

ކުރުދީންގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ތާއިދު ކުރެއްވި ހަމައެކަނި ލީޑަރަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ.

އެވޯޓާ ގުޅިގެން ރައީސް ބަރުޒާނީ ވަނީ އިރާގު ސަރުކާރުން ކުރުދީންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިންޒާރު ދިނުމުގެ ބަދަލުގައި ކުރުދީންނާ މަޝްވަރާތައް ބޭއްވުމަށް ގޮވާލައްވާފަ އެވެ. ނަމަވެސް މީގެ ކުރިން އިރާގު ސަރުކާރުން ވަނީ އެވޯޓާ ބެހޭ ގޮތުން މަޝްވަރާ ނުކުރާނެ ކަމަށާއި، އަމިއްލަ ދައުލަތެއް ގާއިމު ކުރަން މަސައްކަތްކޮށްފި ނަމަ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފަ އެވެ. (ރޮއިޓާސް)