27 Sep 2017, 12:17
އަންނަ މަހު 11 ވަނަ ދުވަހު ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ބައްޗަންއަށް 75 އަހަރު ފުރޭއިރު އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެ އަންނަން އުޅޭކަމަށް ބޭރުގެ ހަބަރުތައް ބުނެފިއެވެ.
އަމީތާބް ބޭނުންވަނީ އޭނާގެ އާއިލާ އާއި ގާތް ރައްޓެހިންނާއެކު ކުޑަގޮތަކަށް މި ފަހަރު އުފަން ދުވަސް ފާހަގަ ކުރާށެވެ. އަމީތާބް އެތަކެއް ފަހަރު މަތިން ރާއްޖެ އައިސްފައި ވީއިރު އޭނާގެ ދަރިފުޅު އަބީޝޭކް ބައްޗަންގެ އުފަންދުވަސް ފާހަގަ ކުރުމަށްވެސް އެ އާއިލާއިން ވަނީ އެއް ފަހަރު ރާއްޖެ އައިސްފައެވެ.
އެފަހަރު ތިބީ ރީތި ރަށް ރިސޯޓުގައެވެ. މި ފަހަރު އެ މީހުން އައިސް ތިބޭ ރިސޯޓެއް އަދި ނޭނގެއެވެ. އަމީތާބަކީ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އެހާ ފޯރި ހުންނަ މީހަކަށް ނުވާއިރު އޭނާ އެންމެ ފަހުން ކުލަގަދަ ގޮތެއްގައި އޭނާގެ އުފަންދުވަސް ފާހަގަކޮށްފައިވަނީ 2012 ވަނަ އަހަރު އޭނާއަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.
އަމީތާބުގެ ފުރަތަމަ ފިލްމީ ރޯލަކީ "ސާތު ހިންދުސްތާނީ" ކަމަށްވީ އިރު އެ ރޯލުން އޭނާ ވަނީ ގައުމީ އެވޯޑްވެސް ހާސިލްކޮށްފައެވެ.
އުމުރުން 75 އަހަރުވާއިރުވެސް އަމީތާބް ހުރީ އިންޑިޔާގެ ފިލްމީ ދާއިރާގެ އުޑުގައި ފިޔަޖަހާ އެންމެ އަލިގަދަ ތަރީގެ ގޮތުގައެވެ. ފިލްމީ ދާއިރާއަށް ލޯބިކުރާ މީހުންގެ ތެރޭން، އެންމެ ކުޑައިން ފެށިގެން އެންމެ ދުވަސްވީ މީހާއާ ހަމައަށް ވެސް އަމީތާބް ނޭނގޭ މީހެއް އަދި އޭނާއަށް ސަޕޯޓު ނުކުރަމޭ ބުނާނެ މީހެއް މަދުވާނެއެވެ.