ކަކުލު ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ބެންޖަމިން މެންޑީއަށް އަނިޔާވެ ނުވަ މަހަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި 49 މިލިއަން ޕައުންޑަށް މޮނާކޯއިން ސިޓީއަށް ބަދަލުވި މެންޑީއަށް އަނިޔާވެފައި ވަނީ ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލެސް އާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ.

ސީޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް، މި އަނިޔާގެ ސަބަބުން ބޮޑު ކުއްލި ސިހުމެއް އައިސްފައިވާއިރު، އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފަ ވިންޑޯގެ ކުރިން މެންޑީ ކުޅުނު އަރިމަތީ ޑިފެންޑަރުގެ މަގާމަށް ދެން ކުޅޭނީ ޑެނީލޯ އަދި ފެބިއަން ޑެލްފް ކަމަށް ލަފާކުރެވެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޝަހްތަރު ޑޮނެސްކް އަތުން 0-2 އިން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ހީކުރި ވަރަށް ވުރެ ދިގު މުއްދަތަކަށް މެންޑީ ކުޅުމާދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

"މިއީ އޭނާއަށް ވެސް މުޅި ޓީމަށް ވެސް ވަރަށް ހިތްދަތި ވަގުތު ކޮޅެއް. އީކޭ ގުންޑޮގަން އަށް މިދިޔަ އަހަރު ދިމާވި ކަހަލަ ކަމެއް މީ، އަހަރެން ވަރަށް ދެރަވޭ އޭނާއަށް ދިމާވިގޮތުން. މިއީ މުޅި ޓީމަށް ވެސް ލިބުނު ގެއްލުމެއް،" ގާޑިއޯލާ ބުންޏެވެ.

މެންޑީގެ ބަދަލުގައި އިތުރު ކުޅުންތެރިއެއް ގަންނާނެތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ އެކަމާމެދު ވިސްނަމުންދާ ކަމަށާއި އަންނަ ސީޒަނަށް އާ ޑިފެންޑަރުން ގަތުމަށް މީގެ ކުރިން ވެސް ވިސްނާފައިވާނެ ކަމަށެވެ.