27 Sep 2017, 11:23
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާޙީމް ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކޫއްޑޫ އެއާޕޯޓާއި ކޫއްޑޫގައި ތަރައްގީކޮށްފައިވާ މާކިއޯ ހޮޓެލްސް މޯލްޑިވްސް ކޫއްޑޫ އަދި އެއަތޮޅު ވިލިނގިލީގައި ބިނާކުރި "މަސްޖިދުލް އިޚްލާސް" މިސްކިތް ވަނީ ހުޅުއްވައިދެއްވައިފަ އެވެ.
ކޫއްޑޫ އެއާޕޯޓް އަލުން ހުޅުވާފައި ވަނީ އެ އެއާޕޯޓުގައި ކުރިން އޮތް 1200 މީޓަރު ދިގު ރަންވޭ 1800 މީޓަރަށް ދިގުކޮށް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށްފަހުގަ އެވެ. އެ ބަދަލުތަކާ އެކު ކޫއްޑޫ އެއާޕޯޓް ވަނީ ކެޓަގަރީ ދޭއް ސީގެ އެއާޕޯޓަކުން ކެޓަގަރީ ތިނެއް ސީގެ އެއާޕޯޓަކަށް ބަދަލުވެފަ އެވެ.
ރައީސްގެ ދަތުރުފުޅުގައި ހުޅުއްވައި ދެއްވި މާކިއޯ ކޫއްޑޫ ހޮޓަލަކީ ޕްރިސްޓިން އައިލެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ މެދުފަންތީގެ 68 ވިލާ ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ރިޒޯޓް ހޮޓެލެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅުގައި ވަނީ ކޮލަމާފުއްޓާއި ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ.