27 Sep 2017, 11:08
ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށް ލިބެމުން އަންނަ ރީތިނަން، އެގޮތުގައި ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިގޮތަށް އިލްތިމާސް ކުރެއްވީ، މިއަދު ފާހަގަ ކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތޯބުގަ އެވެ.
ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާއިން މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވާ ޝިއާރަކީ ''ދެމެހެއްޓެނިވި ފަތުރުވެރިކަން – ތަރައްގީއަށް ވަސީލަތެއް'' މި ޝިޢާރެވެ.
މި އަހަރުގެ ފަތުރުވެރިކަމުގެ ޝިއާރަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއަށް ގެންދިޔުމުގައި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު ވެސް ވަރަށް މުހިންމު ޝިއާރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތޯބުގައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި މި އަހަރު ފާހަގަކުރާ އިރު، މި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ހޯދާފައިވާ ކާމިޔާބީތަކަކީ އެއާމެދު ކޮންމެ ދިވެއްސަކު ވެސް އުފާކުރުން ހައްގު، ފަހުރުވެރިވުން ހައްގު ވަނަތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ފަތުރުވެރިކަމުން ސީދާގޮތެއްގައި ފައިދާ ލިބިދޭ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތަކެއް ހުޅުވައިލެވިފައިވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އަދި، އެ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މިދައުރުގެ ތެރޭގައި 50 ރިޒޯޓެއް ހުޅުވައި، އެތަންތަނުން ހިދުމަތް ދޭން ފެށުމަކީ، އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް ދިއުމުގައި ކުރިމަތިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، ދަތުރުފަތުރުގެ ނިޒާމުކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އިގޮތުން، ސަރުކާރުން އެފަދަ މައްސަލަތަކުގެ ހައްލެއްގެ ގޮތުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ޑޮމެސްޓިކް އެއާޕޯޓު، ތަރައްގީ ކުރުމަށް އިންވެސްޓަރުންނަށް ދޫކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަށާއި، ފަތުރުވެރިކަމާ ގުޅޭ އެންމެހައި ޖަމްޢިއްޔާތަކާއި ޖަމާއަތްތަކުގެ ހީވާގި ހިންގުންތެރިންނަށާއި އަދި ފަތުރުވެރިކަމުގެ ސިނާއަތާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅި ލާމެހިފައިވާ ހުރިހާ ފަރާތްތަކުން ކުރައްވާ ގިނަގުނަ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރައްވައި ޝުކުރު ދަންނަވައި ތަހުނިޔާ އަރިސްކުރެއްވި އެވެ.