27 Sep 2017, 10:56
އިންޑިއާގެ ލެޖެންޑަރީ ކްރިކެޓް ކެޕްޓަން ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި ފެނިގެން ދާނީ ހުނަރުވެރި އެކްޓަރު ރަންވީރު ސިންގް ކަން ޔަގީން ވެއްޖެ އެވެ.
ކަޕިލް ދޭވްގެ ރޯލުން ފެނިގެން ދާނީ ރަންވީރު ކަން ހާމަކުރީ ޓްރޭޑް އެނަލިސްޓު ތާރަން އާދަރްޝް ކުރި ޓުވީޓެއްގަ އެވެ. އޭނާގެ ކުރި ޓުވީޓުން ހާމަވާ ގޮތުގައި ފިލްމުގައި ހިމަނާފައި ވަނީ 1983 ވަނަ އަހަރު ކަޕިލް ދޭވް ގެ ކެޕްޓަން ކަމުގެ ދަށުން އިންޑިއާ އިން ކްރިކެޓް ވޯލްޑް ކަޕް ހޯދި ގޮތެވެ.
އެ އަހަރު ލަންޑަން ގައި ކުރިއަށް ދިޔަ ވޯލްޑް ކަޕް އިންޑިއާ އިން ކާމިޔާބު ކުރީ ފައިނަލްގައި ވެސްޓް އިންޑީޒް އާއި ވާދަކޮށްގެންނެވެ. އެއީ އިންޑިއާ އިން ކްރިކެޓް ވޯލްޑް ކަޕް އުފުލައިލި ފުރަތަމަ ފަހަރެވެ.
ކަޕިލް ދޭވްގެ ބަޔޮޕިކް ޑައިރެކްޓު ކުރާނީ ކާމިޔާބު ޑައިރެކްޓަރު ކަބީރު ޚާން އެވެ. ކަބީރު ބުނީ ރަންވީރު އަކީ ފިލްމަށް އެންމެ އެކަށީގެންވާ އެކްޓަރު ކަމަށެވެ.
ރަންވީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތީ' އިންނެވެ. ފިލްމުގައި ރަންވީރު އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.