ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ވެސް މޮޅުވިއިރު ލިވަޕޫލް އެއްވަރުވެ ހާއްސަކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

ގްރޫޕް "އެޗް"ގައި ހިމެނޭ ޓޮޓެންހަމް ރޭ މޮޅުވީ ސައިޕްރަސްގެ އަޕޮއެލްއާ ބައްދަލުކުރި މެޗުން 0-3 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މޮޅާއެކު ޓޮޓެންހަމް އޮތީ ގްރޫޕް އެޗްގެ ދެވަނައިގައި ހަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޑޯޓްމަންޑް އަދި އަޕޮއެލްއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުގައި ރޭ އަޕޮއެލް އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

އަޕޮއެލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު އަޕޮއެލް ވަނީ ޓޮޓެންހަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އަޕޮއެލްގެ ކާމާގޯ ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު އެޓީމުން ދެން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު ލޮރިސް ވަނީ ދިފާއުކޮށްފައެވެ.

ގޯލުޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އަޕޮއެލްއަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 39 ވަނަ މިނެޓްގައި ހެރީ ކޭން ޓޮޓެންހަމްއަށް ލީޑު ނަގައިދިނުމެވެ. އަދި މެޗުގެ 62 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ދެވަނަ ގޯލު ކޭން ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނެޓްފަހުން އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ކޭން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ގްރޫޕް އެފްގައި މެންޗެސްޓާ ސިޓީ ވަނީ ރޭ ޔުކްރޭންގެ ޝަހްތަރު ޑޮނެޓްސްކްގެ މައްޗަށް 0-2 އިން ކުރި ހޯދާފައެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ކެވިން ޑެ ބްރައިނާ އާއި ރަހީމް ސްޓާލިންއެވެ. މި މެޗުގައި ސިޓީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ސާޖިއޯ އަގުއޭރޯ ފޮނުވާލި ބޯޅަ ޝަހްތަރުގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ޝަހްތަރު ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

މި މޮޅާއެކު ސިޓީ ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ގްރޫޕުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު ޝަހްތަރު އޮތްއިރު ތިންވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން އޮތީ ނަޕޯލީއެވެ.

ގްރޫޕު އީގައި ލިވަޕޫލް ވަނީ އެ ޓީމު ކުޅުނު ދެވަނަ މެޗުން ވެސް އެއްވަރުވެފައެވެ. ރަޝިއާގެ ސްޕާޓަކް މޮސްކޯ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްޕާޓަކް އިންނެވެ. މި ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ ފެނާންޑޯއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުގެ ފިލިޕް ކުޓީނިއޯ ވަނީ ލަނޑެއްޖައި ލިވަޕޫލަށް މެޗުން ޕޮއިންޓެއް ހޯދައިދީފައެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ސްޕާޓަކް މޮސްކޯ އާއި ލިވަޕޫލު ބައްދަލު ކުރި ެމޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

މި ގްރޫޕުގެ އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު ސެވިއްޔާ އެވެ. ލިވަޕޫލު ދެވަނައިގައި ދެ ޕޮއިންޓާއެކު އޮތް އިރު، ހަމަ މިއަދަދަށް ޕޮއިންޓު ލިބިގެން ސްޕާޓަކް އޮތީ ތިންވަނައިގައެވެ.