27 Sep 2017, 08:57
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާއެކު ބޮރޫޝިއާ ޑޯޓްމަންޑް އަތުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު 'ގްރޫޕް އެޗް'ގެ މެޗުގައި ރޭ ޑޯޓްމަންޑް އަތުން ރެއާލް މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ދިހަވަނަ މިނެޓުގައި ރެއާލަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޑޯޓްމަންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ރެއާލްގެ ސްޕެއިން ޑިފެންޑަރު ޑެނިއެލް ކާވޭހަލް ފޮނުވާލި ހަމަލާ، ކީޕަރު ރޯމަން ބުރްކީ ވަނީ ފަސޭހަކަމާއެކު މަތަކޮށްފައެވެ.
ރެއާލުން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ 18 ވަނަ މިނެޓުގައެވެ. ކާވޭހަލް ނަގައިދިން ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ވޭލްސް ތަރި ގެރެތު ބޭލްއެވެ. ޑޯޓްމަންޑް ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ބޭލް ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލްއާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލަށް ލީޑު ފުޅާކޮށްލުމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ފުރަތަމަ ހާފުގެ ތެރޭގައި ރެއާލްގެ ރޮނާލްޑޯއާއި ކެޕްޓަން ސާޖިއޯ ރާމޯސްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓް ފަހުން ރެއާލުން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި ބޭލް ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އޭނާ ވަނީ އުނދަގޫކަމެއްނެތި ޕެނަލްޓީ އޭރިޔާ ތެރެއިން އެ ބޯޅަ ޑޯޓްމަންޑްގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.
ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކުރިތާ ފަސް މިނެޓްތެރޭ ޑޯޓްމަންޑުން ވަނީ އެ ޓީމުގެ ލަނޑު ކާމިޔާބުކޮށްފައެވެ. ގޮންޒާލޯ ކާސްޓްރޯ ދިން ބޯޅައަކުން ޑޯޓްމަންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕިއެރޭ އެމެރިކް އޯބަޔަމާންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
ރެއާލުން އަލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. ލޫކާ މޮޑްރިޗް ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރޮނާލްޑޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޑޯޓްމަންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ޓޮޓެންހަމްއިން ވަނީ ރަށުން ބޭރުގައި 3-0 ލަނޑުގެ ނަތީޖާއަކުން އަޕޮއެލް ނިކޯސިއާ ބަލިކޮށްފައެވެ. އެ މެޗުގައި ޓޮޓެންހަމްގެ ތިން ލަނޑު ޖަހައި، އިނގިރޭސި ފޯވަޑް ހެރީ ކޭން ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައެވެ.
'ގްރޫޕް އެޗް'ގެ އެންމެ ކުރީގައި އޮތް ރެއާލާއި ޓޮޓެންހަމުން ވަނީ ކުޅުނު ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދައިފައެވެ. ޑޯޓްމަންޑާއި އަޕޮއެލް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.