ސައުދީ އަރައްބިއްޔާގައި އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ސައުދީ ސަރުކާރުން އަލަށް ނެރުނު ގަރާރެއްގެ ދަށުން ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށް ވެސް ކާރު ދުއްވުމުގެ ހުއްދަ އެ ގައުމުގައި ފުރަތަމަ ފަހަރަށް ދީފިއެވެ.

ސައުދީގެ ސްޓޭޓް ޓީވީން އާންމު ކުރި އެ ގަރާރަށް ފަހު ސޯޝަލް މީޑިއާގައި އެކި ފާރާތްތަކުން ދަނީ އުފާ ފާޅުކޮށް ހަދަމުންނެެވެ.

އަންހެނުން ކާރު ދުއްވުން މަަނާ ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސައުދީ އަންހެނުން ކެމްޕޭން ކުރަމުންދާތާ ވަރަށް ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.

އަންހެނުން ކާރު ދުއްވުމަށް ހުއްދަ އެންމެފަހުން ދީފައިި މިވަނީ ސައުދީގެ ދީނީ އެންމެ މަތީ ކައުންސިލުން އެކަމަށް އިއުތިރާޒެއް ނެތް ކަމަށް ފާސް ކުރުމުގެ ސަބަބުންނެވެ.

ސައުދީ 40 އަންހެނަކު ވަނީ އެ ގައުމުގައި އަންހެނުން ކާރު ދުއްވުން މަނާކޮށްފައިއޮތް އޮތުމާ ދެކޮޅު ހެދުމުގެ ގޮތުން 2011 ވަނަ އަހަރު، އެ ގައުމުގެ އެކި ހިސާބުތަކުގައި ކާރު ދުއްވައިފައެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުނު މަނާލް ޝަރީފް އޭނާ ކާރު ދުއްވާ ވީޑިއޯ ސޯޝަލް މީޑިއާގައި ޝާއިއުކުރިތާ 24 ގަޑިއިރުތެރޭ ސައުދީން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އެ ފަހަރު ކާރު ދުއްވި އެހެން އަންހެނަކު 10 އެތިފަހަރުން ތައުޒީރު ކުރުމަށް ހުކުމް ވެސް ކުރިއެވެ. ނަަމަވެސް ފަހުން އޭރުގެ ސައުދީ ރަސްގެފާނު ވަނީ އެ އަންހެން މީހާއަށް މާފުދީފައެވެ. އެ ކަމުގައި އުޅުނު ދެންތިބި އަންހެނުން ދުވަހަކުވެސް ކާރު ނުދުއްވާނެކަމަށް އެއްބަސްވުމުން ފަހުން ދޫކޮށްލިއެވެ.

މީގެ ކުރިން ސައުދީގެ އިލްމުވެރިން ވަނީ އަންހެނުން ކާރު ދުއްވުން ހަރާމްކަމަށް ބުނެ ތަފާތު އުޒުރުތައް ދައްކައިފައެވެ. އޭގެ ތެރޭގައި އަންހެނުން ކާރު ދުއްވައިފިނަމަ އެ މީހުންގެ އޯވަރީ ހަލާކުވާނެ ކަމަށާއި އަދި އެކަމުގެ ސަބަބުން ފިރިހެނުންނަށް އަސަރުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.