އާމިރުހާން އެންމެ ފަހުން ކުޅުނު ހިންދީ ފިލްމު "ޑަންގާލް" ހޮންގްކޮންގްގައި މިހާ ތަނަށް އެންމެ ގިނަ ފައިސާ ލިބުނު ބޮލީވުޑްގެ ފިލްމަށް ވެއްޖެއެވެ. އެ ފިލްމަށް މިހާތަނަށް 24.57 މިލިއަން ހޮންގްކޮންގް ޑޮލަރު ވަނީ ލިބިފައެވެ.

މީގެ ކުރިން އާމިރު ހާން ކުޅުނު ފިލްމު "ތްރީ އިޑިއަޓްސް" އަށް ހޮންގްކޮންގް އިން ލިބިފައިވަނީ 23.41 މިލިއަން ހޮންގްކޮންގް ޑޮލަރެވެ.

ޑިޒްނީ އިންޑިއާގެ ސްޓޫޑިއޯގެ ނާއިބު ރައީސް އަމްރިތާ ޕާންޑޭ ވިދާޅުވީ ހޮންގްކޮންގް އަދި މަކާއޯގެ 46 ސްކްރީނެއްގައި ޑަންގާލް އެޅުވި ކަމަށާއި އަދި މިއީ އިންޑިއާގެ ފިލްމެއް ހޮންގްކޮންގްގައި ސްކްރީން ކުރާވަރަށްވުރެ ހަތަރު ގުނަ އިތުރު އަދަދެއް ކަމަށެވެ.

" ހޮންގްކޮންގުން މި ފިލްމަށް ލިބުނު ތަރުހީބުން އަހަރެމެންނަށް އެނގިއްޖެ ރަނގަޅު ޓީމަކާ އެކްޓިން އަދި ޑިސްޓްރިބިއުޝަންގެ އިތުރުން ވާހަކަ ރީއްޗަށް ހުށަހަޅައިދީފިނަމަ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ފިލްމެއް ރަނގަޅަށް ހިނގާނެކަން " އަމްރިތާ ވިދާޅުވިއެވެ.

'ޑަންގާލް' އަކީ ފައިސާގެ ދަތިކަމުގެ ސަބަބުން، ރެސްލިންގައި އިންޑިއާއަށް ރަން މެޑައްޔެއް ހޯދައި ދިނުމަށް ދެކެމުން އައި ހުވަފެން ދޫކޮށްލަން ޖެހުނު ކުރީގެ ރެސްލިން ކުޅުންތެރިޔާ މަހާވީރު ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އެ ފިލްމުގައި ފެނިގެން ދާނީ މަހާވީރު (އާމިރު)ގެ ހުވަފެން ހަގީގަތަކަށް ހަދައި އިންޑިއާ އަށް ރެސްލިންގްގައި ފުރަތަމަ، ރަން މެޑަލް ހޯދައިދިން އޭނާގެ އަންހެން ދަރިފުޅު ގީތާ އާއި ރެސްލިންގައި ރަން ވަނަތަކެއް ހޯދައިފައިވާ އޭނާގެ ދެވަނަ އަންހެން ދަރިފުޅު ބަބީތާގެ ހަޔާތުގެ ވާހަކަތަކެވެ.