29 Jul 2011, 19:41
މީގެ ތިން ހަތަރު ދުވަހެއް ކުރީން އެމެރިކާގެ ވޮޝިންގޓަނުގައި ހުންނަ ޔޫ.އެސް. އިންޓަރނޭޝަނަލް ޓްރޭޑް ކޮމިޝަނުގެ ފަނޑިޔާރަކު އެޕަލް ކުންފުނީގެ ދައުވާއެއް ނަގަހައްޓައި، އެޗްޓީސީ އާ ދެކޮޅަށް ކުރި ހުކުމުގެ ސަބަބުން އެޗްޓީސީއަށް ވަރުގަދަ ޝޮކެއް ލިބި، ކުންފުންޏަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހުމުގެ ބިރު ކުރިމަތިވެފައި ވާ އިރު، މި ހުކުމުގެ ސަބަބުން ގޫގްލްގެ އެންޑްރޮއިޑަށް ވެސް ވަރުގަދަ އިންޒާރެއް ލިބިގެން ހިނގައްޖެއެވެ.
އެންޑްރޮއިޑް ޕްލެޓްފޯރމް ބޭނުންކޮށްގެން އެޗްޓީސީން އުފައްދާފައިވާ ސްމާރޓްފޯނުގައި އެޕަލްގެ ދެ ޕޭޓެންޓް ބޭނުންކޮށްފައިވާ ކަމަށް ބުނެ، އެއީ ކޮޕީރައިޓް ހައްގުތަކަށް އަރައިގަތުމެއް ކަމަށް ފަނޑިޔާރު ނިންމާފައި ވާ އިރު، މީގެ ސަބަބުން އެޕަލް ކުންފުންޏަށް އެ ކުންފުނީގެ ވާދަވެރީންނާ ދެކޮޅަށް ބޮޑު ކާމިޔާބެއް ވަނީ ލިބިފައެވެ.
މި ހުކުމުގެ ދަށުން ބަލާއިރު، އެންޑްރޮއިޑް ކޮންމެ ޑިވައިސްއެއްގައި އެ ދެ ޕޭޓެންޓް ބޭނުންކުރެވިފައިވާ ކަމަށް ގަބޫލު ކުރެވެއެވެ. އެ ދެ ޕޭޓެންޓަކީ ޔޫއެސް ޕޭޓެންޓް ނަމްބަރ 5946647 އާއި ޔޫއެސް ޕޭޓެންޓް ނަމްބަރ 6343263 އެވެ.
އައިޓީސީ ފަނޑިޔާރުގެ ނިންމުމުގެ މުހިއްމުކަން ބޮޑުވާ އަނެއް ސަބަބަކީ މައްސަލަ ޖެހުނު ދެ ޕޭޓެންޓަކީ އެ އެއްޗިއްސާ މެދު މޮޓޮރޯލާއާއި ނޮކިއާ ވެސް އެޕަލް ކުންފުންޏާ އަރައިރުންވާ ދެ ޕޭޓެންޓް ކަމަށް ވުމެވެ. މި މައްސަލައިގެ ސަބަބުން އެންމެ ފުރަތަމަ ފަހަރަށް އެންޑްރޮއިޑްގައި ތިންވަނަ ފަރާތެއްގެ ކޮޕީރައިޓް ބޭނުންކުރެވުނު ކަމަށް ކުރެވުނު ދައުވާއެއް ކާމިޔާބުވީއެވެ. މީގެ ނަތީޖާއަކަށް ވާނީ ކޮން ކަމެއް ހެއްޔެވެ؟
ފަހަރެއްގައި އެޗްޓީސީގެ އެންޑްރޮއިޑް ހުރިހާ ޑިވައިސްތަކެއް އެމެރިކާއަށް އެތެރެކުރުން މަނާވެސް ވެދާނެއެވެ. އެފަދަ ނަތީޖާއެއް ވާނީ އެޗްޓީސީއަށް ތަހައްމަލު ނުކުރެވޭ ފަދަ ބޮޑު ބުރައަކަށެވެ. ޓައިވާނުގެ ކުންފުންޏެއް ކަމަށް ވާ އެޗްޓީސީ ކޯރޕަރޭޝަނަކީ އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު ސްމާރޓްފޯން އުފައްދާ ކުންފުންޏެވެ.