26 Sep 2017, 22:51
އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި މި އަހަރު ބައިވެރިވި ދިވެހި ވަފުދުގެ އަންހެން ބޭކަނބަލުން ދިވެހި ލިބާހުގައި ދިވެހިރާއްޖެ ތަމްސީލުކޮށްފިއެވެ.
ނިއުޔޯކުގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ދިވެހި ހަތަރު އަންހެން ބޭކަނބަލަކު ދިވެހި ލިބާހުގައި ތަމްސީލު ކުރެއްވިއިރު އިތުރު އަންހެންބޭފުޅަކު ހުންނެވީ ދިވެހިން ޒަމާނުއްސުރެ ލަމުން އަންނަ ދިގުހެދުން ތުރުކުރައްވައިގެންނެވެ. ދިވެހި އެމްބަސީގައި މަސައްކަތް ކުރައްވާ ބޭރުގެ އަންހެން ބޭފުޅާ ވެސް ހުންނެވީ ދިގު ހެދުމުގައެވެ.

އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވި ދިވެހި ވަފުދުގައި ހިމެނޭ އަންހެނުން ލިބާހުގައިި-- ފޮޓޯ: ޓުވިޓާ
އާދީއްތަ ދުވަހުގެ ރޭ ބޭއެްވި ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަގްރީރު ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަހުމަދު އާސިމްއެވެ. މި ފަހަރުގެ ބައްދަލުވުމުގައި ސަގާފީ ހެދުމެއްގައި ބައިވެރިވީ ދިވެހި ރާއްޖޭގެ ވަފުދުން އެކަނި ކަމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ ރާއްޖޭގެ ރީތި ސަގާފަތް ބައިނަލްވާމީ ދުނިޔެއަށް ހާމަކޮށްދިނުމުގެ މަގުސަދުގައި ކުރެއްވި ކަމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފިރިހެން ބޭފުޅުން ރާއްޖެ ތަމްސީލުކޮށްފައިވަނީ ކޯޓް ފަޓުލޫނުގައެވެ.

އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވި ދިވެހި ވަފުދުގައި ހިމެނޭ އަންހެނުން ލިބާހުގައިި-- ފޮޓޯ: ޓުވިޓާ
އދ. ގެ ޖެެނަރަލް އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިއަހަރު ބައިވެރިވެވަޑައިގެންފައިވަނީ ޑރ. އާސިމެވެ.
އެ ބައްދަލުވުމިގައި ބައިވެރިވެ ވަޑައިގެންނެވި ވަފުދުގައި ހިމެނޭ އެހެނިހެން ބޭފުޅުންގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް، ޖެންޑާ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު، ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު، އަދި އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ހިމެނިވަޑައިގަންނަވަ އެވެ.