26 Sep 2017, 18:58
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހިލޭ އެހީގެ ދަށުން ގއ. ވިލިގިލީގައި ބިނާކޮށްދެއްވި މިސްކިތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ހުޅުއްވައިދެއްވައިފި އެވެ.
ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން 'މަސްޖިދުލް އިޚްލާސް' ގެ ނަމުން ނަން ދެވިފައިވާ އެ މިސްކިތް ރައީސް ޔާމިން ހުޅުއްވައި ދެއްވީ މިއަދު އިރު އޮއްސުނު އިރުއެވެ.
ހަތް ސަތޭކަ މީހުންގެ ޖާގައިގެ މަސްޖިދުލް އިޚްލާސް ހުޅުއްވައިދެއްވުމަށްފަހު ރައީސް ޔާމީން ވަނީ އެ މިސްކިތުގައި ޖަމާއަތުގައި މަޣްރިބް ނަމާދު ކުރައްވާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތް އިމާރާތް ކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 25 ގައި ކަމަށާއި މަސަތްކަތް އެއްކޮށް ނިންމާލެވިފައި ވަނީ މިއަހަރުގެ މެއި 25 ގައި ކަމަށެވެ. އެ މިސްކިތް އިމާރާތް ކުރުމަށް ޖުމްލަ އަށް މިލިއަން ރުފިޔާ ހަރުދުކުރި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ސައުދީގެ ހިލޭ އެހީގައި މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިސްކިތްތައް ބިނާކޮށްފައެވެ.