މިދިޔަ މަހުގެ 19 ވަނަ ދުވަހު ކ. ހިންމަފުށީގައި ހުންނަ ލައިފް ފެން ފެކްޓަރީގައި މަސައްކަތްކުރި ބިދޭސީއެއް މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގު ނިންމައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ މިއަދު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ދެ ދިވެއްސަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން އެކަކީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓުން ވަނީ ތަހުގީގު ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފަ އެވެ.

ދެން ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެހެން ނަމަވެސް ފުލުހުން ޔުނީފޯމް ނާޅައި އެމީހާ ހައްޔަރުކުރުމުން އެމީހާ ދޫކޮށްލަން ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޔުނީފޯމް ނާޅައި އެމީހާ ހައްޔަރު ކުރުމުން ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މައްދާއަކާ ހަވާލާދީ އެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ބިދޭސީ މީހާގެ މަރުގެ މައްސަލައާ ގުޅިގެން ދެ މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު، އެ ދެ މީހުންނަކީ ވެސް ދިވެހިންކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

ހިންމަފުށީގައި 38 އަހަރުގެ ބަންގްލަދޭޝް މީހަކު މަރުވެފައި އޮއްވައި ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އެވެ.

މީގެ ކުރިން ހިންމަފުށިން ވާހަކަ ދެއްކި މީހަކު ބުނީ ބަންގްލަދޭޝް މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ގަބޫލު ކުރެވޭ ކަަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް އެމީހާ ބުންޏެވެ.

އެ ބިދޭސީ މީހާއަކީ ލައިފް ފެން ކުންފުނީގައި މަސައްކަތް ކުރާ އެހެން ބިދޭސީންނާ އެއްކޮށް ދިރިއުޅޭ މީހެއްކަން އެނގިފައިވެ އެވެ.