26 Sep 2017, 16:34
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތަށް ފަސް ދުވަސް، ކަރެކްޝަނަލް ސާވިސްއިން އިތުރުކޮށްދީފި އެވެ.
ގާސިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވަނީ މިއަދަށެވެ. ގާސިމް އިބްރާހިމް ވަނީ އިއްޔެ ރާއްޖެއަށް އައުމަށް ފްލައިޓަށް އަރަން ވަޑައިގެންފައެވެ. ނަމަވެސް ސިއްހީ ހާތަލު ހުރިގޮތުން ފްލައިޓަށް ނޭރުވޭނެ ކަމަށް ސިންގަޕޫރު އެއާލައިނުން އެންގި ކަމަށް ގާސިމްގެ ވަކީލު ވިދާޅުވި އެވެ.
ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން 'ސަން' އަށް ވިދާޅުވީ ގާސިމްގެ ބޭސްފަރުވާއަށް ފަސް ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން ގާސިމް ދެން ރާއްޖެ ވަޑައިގަންނަވަން ޖެހޭނީ އޮކްޓޫބަރު ދެވަނަ ދުވަހު އެވެ.
ގާސިމް އިބްރާހިމުގެ މައްޗަށް ތިން އަހަރާ ދެ މަހާ 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ހިތުގެ ސިއްހީ މައްސަލަތަކެއް ކުރިމަތިވެ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށެވެ.
ކަރެކްޝަނުން ގާސިމަށް ފުރަތަމަ ދިނީ 10 ދުވަހުގެ މުއްދަތެކެވެ. އޭގެ ފަހުން ވަނީ 10 ދުވަސް އިތުރުކޮށްދީފައެވެ.