29 Jul 2011, 20:32
މިދިއަ ބުދަ ދުވަހުގެ ރޭ ލަގްޒަރީ ފިހާރައިގެ ފައިސާތަކެއް ހިފައިގެން ރައްކާ ކުރަން ދިޔަ އެ ފިހާރައިގެ މުވައްޒަފަކަށް މަގުމަތިން ބިރު ދައްކައި އެ މީހާގެ ބެލުގެ ދަށުގައި ހުރި، އެ ފިހާރައިގެ އެއްލައްކަ ރުފިޔާ ދެ މީހަކުވެގެން ފޭރިގެންފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިއަ ބުދަ ދުވަހުގެރޭ ދެ މީހަކު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރި ގެންފައިވަނީ އެރޭ 11:00 އެހާކަންހާއިރު ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފައިސާ ފޭރު މީހުން ލަގްޒަރީގެ މުވައްޒަފަށް ބިރު ދައްކާފައި ވަނީ ކޮންކަހަލަ ހަތިޔާރެއް ބޭނުން ކޮށްގެން ކަމެއް ފުލުހުން ނުބުނެ އެވެ.
މަޝްހޫރު ލަގްޒަރީ ފިހާރައިން ވާހަކަދެއްކި އެތަނުގެ މުވައްޒިފަކު މިއަދު ބުނީ ބުދަ ދުވަހުގެ ރޭ އެ ފިހާރައިގެ މުވައްޒަފެއްގެ އަތުގައި ހުއްޓާ ބިރުއްދައްކައި ފޭރިގަތް އެއްލައްކަ ރުފިޔާ އަކީ އެފިހާރައިގެ ފައިސާ ކަމަށައި އެ މައްސަލަ ފުލުހުންނައް ރިޕޯޓްކޮށްފައިވާނެ ކަމަށެވެ.
މަގުމަތިން މީހުންނަށް ބިރުދައްކައި ފައިސާ ފޭރެމުންދާތީ އެއްތަނުން އަނެއްތަނަށް ފައިސާ ބަދަލު ކުރާއިރު ފުލުހުންގެ އެހީތެރިކަން ހޯދައިގެން އެކަން ކުރުމަށް ފުލުހުން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފަ އެވެ.