26 Sep 2017, 11:47
އުރީދޫ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނަ ގޮތަށް މޮބައިލް ޕްލޭންތަށް އަމިއްލައަށް ޑިޒައިން ކޮށްލެވޭނެ "މަގޭ ޕްލޭން" އުރީދޫ އިން ތައާރަފް ކޮށްފިއެވެ.
މިއަދު އުރީދޫ އޮފީހުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ، އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ޑިޖިޓަލް މޯލްޑިވްސްއަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް އިތުރު ފަސޭހަތަކާއި ފުރުސަތުތަށް ހޯދައިދިނުމަށްކަމަށެވެ.
މިއަދު ތައާރަފް ކުރި މަގޭ ޕްލޭން އާއެކު ކުރިން އުރީދޫގެ ކަސްޓަމަރުންނަށް ނުލިބޭ އެތަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ނަޖީބް ހާން ވިދާޅުވިއެވެ.
"އުރީދޫ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، ކަސްޓަމަރުންނަށް އެންމެ އެކަށޭނެ ޕްލޭނެއް އެބޭފުޅަކު އަމިއްލައަށް މިހާރު ޑިޒައިން ކޮށްލެވޭނެ. ވަރަށް ފަސޭހަ ކަމާއެކު އެންމެ އެކަށޭނެ އަގެއްގައި އަޅުގަނޑުމެންގެ ކަސްޓަމަރުނަށް މިހާރު އުރީދޫގެ ހިދުމަތްތަށް ބޭނުންކޮށްލެވޭނެ،" ނަޖީބް ހާން ވިދާޅުވިއެވެ.
އަލަށް ތައާރަފް ކުރެވުނު މި ހިދުމަތް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ ކަމަށާއި އަމިއްލަ ބޭނުންތަކަށް އެކަށޭނެހެން ޑޭޓާ، ކޯލް، އެސްއެމްއެސް، އަދި އައިޑީޑީގެ ހިދުމަތްވެސް ހިޔާރު ކޮށްލެވޭނެކަމަށް އުރީދޫއިން ބުންޏެވެ.
މި ހިދުމަތް ބޭނުން ކުރައްވަން ބޭނުން ފުޅުވާ ފަރާތްތަކުން މައި އުރީދޫއިން މަގޭ ޕްލޭން އައިކަން ބޭނުންކޮށް، މަގޭ ޕްލޭންގެ ދަށުން، ބޭނުން އަދަދަކަށް ބޭނުން މުއްދަތަކަށް އެކަށީގެންވާ އަގެއްގެ ޕްލޭނެއް ނެގޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫއިން ބުނީ ކޮންމެ ކަސްޓަމަރަކަށްވެސް ކޮންމެ ހިސާބެއްގައި ހުރެގެންވެސް މައި އުރީދޫ ޕޯޓަލް މެދުވެރިކޮށް މަގޭ ޕްލޭންގެ ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ކަމަށެވެ. މިހާރު އުރީދޫ ވެބްސައިޓުން މަގޭ ޕްލޭން ފަރުމާކޮށްލެވޭ އިރު އުރީދޫގެ މޮބައިލް އެޕްލިކޭޝަނަށްވެސް މި ހަފްތާ ތެރޭގައި މަގޭ ޕްލޭންގެ ހިދުމަތް ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.