އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގދ. ތިނަދޫ ޓީމުގެ ކޯޗު ސްޕެއިނުގެ މާޓިނޭޒް ހުއާން މެނުއަލް މަގާމުން ވަކިކޮށްފި އެވެ.

"ސަން" އާ ވާހަކަ ދައްކަމުން ތިނަދޫ ޓީމުގެ މެނޭޖަރު ޝިޔާޒް އާދަމް ބުނީ މާޓިނޭޒް މަގާމުން ވަކި ކުރީ މެނޭޖްމަންޓާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދެއްކުމުން ކަމަށާއި އަދި އޭނާގެ ސެލެކްޝަންއާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

އެގޮތުން ހުކުރު ދުވަހު ހަވީރު ނިއު ރޭޑިއަންޓް އަތުން 2-1 އިން ތިނަދޫ ބަލިވި މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ވަނީ މެނޭޖްމަންޓުން ބޭނުންވާ ކުޅުންތެރިން އަރުވަން ޕްރެޝަރު އަންނަ ކަމަށާއި އެއީ އޭނާ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ނަމަވެސް މާޓިނޭޒްގެ މި ތުހުމަތުތައް ތިނަދޫ ޓީމުގެ މެނޭޖަރު ވަނީ ދޮގު ކޮށްފައެވެ. އަދި މާޓިނޭޒްގެ ފަރާތުން އެ މެޗުގައި މައްސަލަތަކެއް ފާހަގަވި ކަމަށް އޭނާ ބުންޏެވެ.

"މެނޭޖުމެންޓުން އެފަދަ ކަމަކަށް އަންގާފައެއް ނުވާނެ. ކޯޗަށް އެއްވެސް ޕްރެޝަރެއް ނުކުރަން ވަކި ކުޅުންތެރިއަކު އަރުވަން. އެއީ މި ޓީމުން ކުރާނެ ކަމެއް ނޫން،" ޝިޔާޒް ބުންޏެވެ.

އެގޮތުން ފިޓްކޮށް ހުރި ކުޅުންތެރިއާ ބޭނުންނުކޮށް، ޕްރެކްޓިހަށް ގަވާއިދުން ނާންނަ އަދި އަނިޔާގައި ހުރި ކުޅުންތެރިއަކު އެރުވުން ހިމެނޭކަމަށް އޭނާ ބުންޏެވެ. އަދި ދުވަހަކު ވެސް ޑިފެންސިވް މިޑްފީލްޑަރަކަށް ނުކުޅޭ ކުޅުންތެރިއަކު އެ މަގާމަށް އެރުވުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

ޝިޔާޒް ބުނީ މެޗަށް ފަހު ކުޑޭ (ހުސެއިން ފަޔާޒް) ކައިރީ ދުވަހަކު ވެސް މެދުވެރެއަށް ކުޅުނިންތޯ ސުވާލު ކުރުމުން ނޫނެކޭ ބުނި ކަމަށާއި ނަމަވެސް ނިއުގެ ދަގަނޑޭ ހުއްޓުވަން ބޭނުން ކުރީ އޭނާ ކަމަށެވެ.

"ޓީމުގެ މެނޭޖްމެންޓާ ދޭތެރޭ އެފަދަ ދޮގު ވާހަކައެއް އެއްވެސް ފަރަތަކާ މަޝްވަރާ ކުރުމެއް ނެތި ޕްރެސް އެއްގައި ދެއްކީ. އަދި ކުޅުންތެރިން ވެސް އޭނާގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހޭކަމަށް ބުނެފަ އެބަހުރި،" ޝިޔާޒް ބުންޏެވެ.

ލީގުގެ ދެ ވަނަ ބުރު އަންނަ މަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު، ތިނަދޫގެ މެނޭޖުމެންޓުން ބުނީ އެ ޓީމަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރެވެމުންދާ ކަމަށެވެ.

މާޓިނޭޒްގެ ކޯޗުކަމުގެ ދަށުން ތިނަދޫ ފުރަތަމަ ބުރު ނިންމާލީ ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ 10 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮވެ އެވެ.