26 Sep 2017, 09:47
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އަލެކްޒެންޑާ ލަކަޒެޓްގެ ދެ ގޯލުން އާސެނަލް އިން ވެސްޓް ބްރޮމްގެ މައްޗަށް ކުރި ހޯދައިފިއެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު އާސެލަން ކާމިޔާބު ކޮށްފައި ވަނީ 0-2 ގެ ނަތީޖާ އަކުންނެވެ. މި މޮޅާއެކު އާސެނަލް ވަނީ ކުޅުނު ހަތް މެޗުން 10 ޕޮއިންޓު ލިބި ލީގުގެ ހަތް ވަނަ އަށް ޖެހިލާފައެވެ. ވެސްޓް ބްރޮމް އޮތީ އަށް ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.
ދެ ޓީމުގެ ފަރާތުން ވެސް އެޓޭކިން ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ މި ސީޒަންގައި އަލަށް ލީގުގެ ފުރަތަމަ އެގާރައިގައި ކުޅޭ އާސެނަލްގެ އަލެކްސިސް ސަންޗޭޒް އެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލުގެ ވާތު ފަރަތުން އަރިމަތިން ބޭރަށެވެ.
އޭގެ ފަހުން ވެސްޓް ބްރޮމްގެ ޖޭ ރޮޑްރިގޭޒަށް ލިބުނު ފުރުސަތުގައި އާސެނަލްގެ ޑިފެންޑަރު ސްކޮރްދާން މުސްތާފީގެ ކައިރިން ކަޓުވާލުމަށް ފަހު ގޯލަށް ފޮނުވާލި ހަމަލާ ވަނީ އާސެނަލްގެ ކީޕަރު ޕެޓަ ޗެކްގެ އަތުގައި ޖެހި ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނިކުމެފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ އާސެނަލަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި ސަންޗޭޒް ފޮނުވާލި ހިލޭ ޖެހުން ގޯލްގެ މަތީ ދަނޑީގައި ޖެހި ނިކުތުމުން ލަކެޒެޓް ވަނީ ބޮލުން ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
އާސެނަލްގެ ދެވަނަ ލަނޑު ފެނިގެން ގޮސްފައި ވަނީ ދެވަނަ ހާފުގައެވެ. އެ ޓީމުގެ އަރޮން ރަމްސޭ ދުވެފައި އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރުމުން ވެސްޓް ބްރޮމްގެ ޑިފެންޑަރު އެލެން ނިޔޯމް ވަނީ އޭނާ ވައްޓާލައި ފައުލް ކޮށްފައެވެ. ރެފްރީ ދިން ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި ލެކެޒެޓް ވަނީ އާސެނަލް އަށް މޮޅު ޔަގީން ކޮށްދީފައެވެ.
ރޭގެ މެޗަކީ ވެސްޓް ބްރޮމްގެ މިޑްފީލްޑަރ ގަރެތް ބެރީއަށް ހާއްސަ މެޗެކެވެ. ރޭގެ މެޗާއެކު އޭނާ ވަނީ 663 މެޗު ޕްރިމިއަރ ލީގުގައި ކުޅެ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. މި ރެކޯޑު ކުރިން އޮތީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ރަޔާން ގިގްސްގެ އަތުގައެވެ.