29 Jul 2011, 15:11
ސަންޢާ (ޖުލައި 28) : ޔަމަނުގެ އިދިކޮޅު ފަރާތްތައް ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ބާރުގެ ބޭނުންކޮށްގެންނާއި މުޒާހަރާކޮށްގެން ރައީސް ޢަލީ ޢަބްދުﷲ ސާލިޙްގެ ވެރިކަން ވައްޓާނުލެވޭނެ ކަމަށް ޔަމަނުގެ ޚާރިޖީ ވަޒީރު އަބޫބަކުރުލްޤުރްބާ ވިދާޅުވެއްޖެވެ.
ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ ރައީސް ސާލިޙް، ވެރިކަމުން ދުރުކުރެވޭނެ ހަމައެކަނި ގޮތަކީ ރިޔާސީ އިންތިޚާބެއް ބާއްވައި އެއިންތިޚާބުން ރައީސް ސާލިޙް ފޭލްވެ ވަޑައިގަތުން ކަމުގައެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތައް އެއްބަސްވުމަކަށް އަތުވެއްޖެނަމަ 2013 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އެއަށްވުރެ އަވަހަށް ބޭއްވިދާނެ ކަމަށްވެސް އަބޫބަކުރު ވިދާޅުވިއެވެ.
އަބޫބަކުރުގެ ވާހަކަފުޅުގައި ޔަމަނުގެ ޙާލަތު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާ ބާރުގެ ބޭނުންކޮށްގެން ދަސްތޫރާ ޚިލާފަށް ރައީސް ސާލިޙްގެ ވެރިކަން ވައްޓާލުމަށް ފުރްސަތު ދީފިނަމަ ލޭއޮހޮރުވުންބޮޑު އަހްލީ ހަނގުރާމައެއްގެ ތެރެއަށް ޔަމަން ވެއްޓިގެންދާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
އުމުރުން 70 އަހަރުގެ ސާލިޙް ގެ 33 އަހަރުވީ ވެރިކަން ވައްޓާލުމަށްޓަކައި ޔަމަންގެ ރައްޔިތުންނާއި އިދިކޮޅު ފަރާތްތައް އުތުރިއަރަމުންދާތާ މިހާރުވަނީ 6 މަސް ބައި ވެފައެވެ. ޔަމަންގެ ރިޔާސީ އެކުވެންޏަށް ގޮތްނޭންގޭ ބަޔަކު މީގެދެމަސްކުރިން ދިން ބޮމުގެ ޙަމަލާތަކެއްގައި ރައީސް ސާލިޙް ގެ ހަށިކޮޅުގެ ދެބައިކުޅަ އެއްބައި ފިހުމާގުޅިގެން ސަޢޫދީ ހޮސްޕިޓަލެއްގައި އޭނާ ފަރުވާ ހޯއްދަވަމުން ގެންދަވާތާ މިހާރުވަނީ 2 މަސްވެފައެވެ.
ސާލިޙަށް ފަރުވާ ދިނުމަށްޓަކައި 8 އޮޕަރޭޝަނެއް ސައޫދީ ގައި ކުރެވިފައިވާއިރު އޭނާގެ ޙާލުކޮޅު މިހާރު ރަނގަނޅު ވަމުން އަންނަކަމަށް ޑޮކްޓަރުން ބުނެއެވެ. --އަލްޖަޒީރާ