ތޯމާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓްގެ ނަމުގައި ގއ. ކޫއްޑޫގައި ތަރައްގީކުރި ސިޓީ ހޮޓާ ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.

ސިޓީ ހޮޓަލަކާއެކު އެ ރިސޯޓު ހުޅުވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ކޫއްޑޫ ރިސޯޓު ހުޅުވުމަށް މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރިސޯޓުގެ ފަރާތުން ރައީސް ޔާމީނަށް ވަނީ ހަނދާނީ ފިލައެއް ވެސް އަރުވާފަ އެވެ.

ރިސޯޓުގެ އެއް ހިއްސާދާރު މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ ކޫއްޑޫ ރިސޯޓަކީ ދުނިޔޭގައި އެއާޕޯޓެއްގައި ވޯޓާ ބަންގުލޯތަކަކާއެކު ގާއިމް ކުރި ފުރަތަމަ ސިޓީ ހޮޓާ ކަމަށެވެ. އަދި އެ ރިސޯޓުގެ ނަން ވޯލްޑް ރިކޯޑު ފޮތަށް އެރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޖަނާ ވިދާޅުވި އެވެ.

މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް --- ފޮޓޯ/ ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑައިރެކްޓުކޮށް ދެވޭ ކޫއްޑޫ އެއާޕޯޓު އޮންނަ ރަށުގެ އަނެއް ފަރާތުން ތަރައްގީ ކޮށްފައިވާ އެ ރިސޯޓަކީ 68 ވިލާ ހުންނަ ރިސޯޓެކެވެ. އޭގެ ތެރޭގައި 43 ވޯޓާ ވިލާއާއި 25 ބީޗް ވިލާ ހިމެނެއެވެ. އޭގެ ތެރެއިން 20 ވިލާއެއްގައި 6x3 މީޓަރުގެ ސްވިމިން ޕޫލް އޮވެއެވެ.

މާކިއޯ އަކީ އެކޯހޮޓެލްސްގެ މިޑްސްކޭލް ބްރޭންޑެކެވެ. ފްރާންސަށް ނިސްބަތްވާ އެކޯހޮޓެލްސްއަކީ ދުނިޔޭގެ 58 ގައުމެއްގައި 700 އަށްވުރެ ގިނަ ޕްރޮޕަޓީސްތައް ހިންގާ ކުންފުންޏެކެވެ.

އެ ރިސޯޓުގެ މޫދުގައި 50 މީޓަރުގެ ސުވިމިން ޕޫލެއް ހިމެނޭއިރު، ރިސޯޓުގައި އެންމެ ރަނގަޅު ފެންވަރުގެ ފިޓްނަސް ސެންޓަރަކާއި ސުވަދިވާ ސްޕާގެ ނަމުގައި ހަދާފައިވާ އެންމެ ފެންވަރު ރަނގަޅު ސްޕާއަކާއި، ޓެނިސްކޯޓެއް، ކިޑްސް ކްލަބެއްގެ އިތުރުންވެސް ވަރަށް ތަފާތު ގިނަ ޚަރަކާތްތައް ކުރިއަށް ގެންދެވޭނޭ ވަސީލަތްތައް ގާއިމުކޮށްފައި ވެއެވެ.