ޓީސީ ސްޕޯޓްސް ކްލަބާއި ގދ. ތިނަދޫ ބައްދަލުކުރާ މެޗުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު އަންނަ މަހުގެ 14 ވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމިގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުންނެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ހަވީރު 4:00ގައި ކުޅޭ މެޗުގައި ޓީސީ އާއި ތިނަދޫ ބައްދަލުކުރާއިރު، އެ ދުވަހުގެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ދ. ކުޑަހުވަދޫއެވެ.

އެ ދެ މެޗަށްފަހު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ށ. މިލަންދޫ ބައްދަލުކުރާއިރު، އެ ދުވަހުގެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި އއ. މާޅޮހެވެ.

ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު، ހަތް މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި އޮތީ ނިއު ރޭޑިއަންޓެވެ. ދެވަނާގައި އޮތް މާޒިޔާ އަދި ޓީސީއަށް ވެސް ލިބިފައި ވަނީ 16 ޕޮއިންޓެވެ. މާޒިޔާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ހަތަރު ވަނާގައި އޮތް ގްރީންއަށް ލިބިފައި ވަނީ 12 ޕޮއިންޓެވެ.

ތާވަލުގެ ފަސް ވަނާގައި އޮތް ތިނަދުއަށް ހަތް މެޗުން ލިބިފައި ވަނީ ދިހަ ޕޮއިންޓެވެ. ތާވަލުގެ ހަ ވަނާގައި އޮތް މިލަންދުއަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، ހަތްވަނާގައި އޮތް މާޅޮހަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ތާވަލުގެ ފުލުގައި އޮތް އެންމެ ފަހުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ކުޑަހުވަދުއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.