ބެންޣާޒީ (ޖުލައި 29) : ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އިސްކޮމާންޑަރު އަދި އިދިކޮޅު އިންތިޤާލީ މަޖިލީހުގެ ބާރުތަކުގެ ޗީފް އޮފް ސްޓާފް ޖެނެރަލް އަބްދުލްފައްތާޙް ޔޫނުސް އަވަހާރަކޮށްލައިފިއެވެ.

މިކަން ހާމަކުރައްވަމުން ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލް ވިދާޅުވީ ޖެނެރަލް އަބްދުލްފައްތާޙް އަވަހާރަކޮށްލާފައިވަނީ ހަނގުރާމައިގެ މައިދާނުގައި ހުންނަވަނިކޮށް ހަނގުރާމަވެރިން ބަޔަކު ދިން ބަޑީގެ ޙަމަލާތަކެއްގައި ކަމަށާ އެޙަމަލާތަކުގައި އޭނާގެ ބޮޑީގާޑުންގެ ދެމީހުންވެސް މަރުވެފައިވާ ކަމުގައެވެ. ނަމަވެސް މިޙާދިޘާގެ އިތުރު ތަފްސީލް އަބްދުލްޖަލީލް ނުދެއްވައެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ މަރުކަޒު ކަމަށްވާ ބެންޣާޒީން ލިބޭ ނުރަސްމީ ޚަބަރުތައް ބުނާގޮތުން ހަނގުރާމަވެރިންގެ ކޮމާންޑަރު ޖެނެރަލް ޢަބްދުލްފައްތާޙް އަވާރަކޮށްލީ އޭނާ ގައްޒާފީގެ ސަރުކާރާއެކު ސިއްރު ވާހަކަތަކެއް ދެއްކެވި ކަމުގެ ކަށަވަރުނުވާ ޚަބަރުތަކެއް ފެތުރުރުމާއެކު އޭނާއަކީ ޚާއިނެއް ކަމަށް ބަލައިގެން ހަނގުރާމަވެރިންގެ ހަރުކަށި ބައެއް ކަމުގައެވެ. ޢަބްދުލްފައްތާޙް އަވަހާރަކޮށްލުމުގެ ފަހަތުގައިވާ ހަނގުރާމަވެރިން މިހާރު ހައްޔަރުކުރެވިއްޖެކަމަށް ޢަބްދުލްޖަލީލް ވިދާޅުވިއެވެ.

އުމުރުފުޅުން 67 އަހަރުގެ ޖެނެރަލް ޢަބްދުލްފައްތާޙަކީ ޢަސްކަރީ ދާއިރާއިން ތަޢްލީމާއި ތަޖްރިބާ ޙާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއަކީ ލީބިޔާގެ ޒަޢީމް ކާރނަލްޤައްޒާފީ 1969 ވަނަ އަހަރު ގެންނެވި ޢަސްކަރީ އިންޤިލާބުގައި ބައިވެރިވެ ވަޑައިގެންނެވި ގައްޒާފީއަށް ވަފާތެރި އޮފްސަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
މިއަހަރުގެ ފެބްރުއަރީމަހު ލީބިޔާގެ ރައްޔިތުން ގައްޒާފީއާ ދެކޮޅަށް އުތުރިއަރަން ފެށިއިރު ޖެނެރަލް އަބްދުލްފައްތާޙް ހުންނެވީ ގައްޒާފީގެ ސަރުކާރުގެ ދާޚިލީ ވަޒީރު ކަމުގެ މަޤާމުގައެވެ. ގައްޒާފީއާ ދެކޮޅަށް ރައްޔިތުން އުތުރިއަރަން ފެށިތާ ހައެއްކަ ދުވަހުގެ ތެރޭގައި ގައްޒާފީގެ ސަރުކާރާ ވަކިވެ އިދިކޮޅު ރައްޔިތުންނާ އަބްދުލްފައްތާޙް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެއަށްފަހު އަވަހާރަ ކޮށްލުމާ ހަމައަށްވެސް ޖެނެރަލް އަބްދުލްފައްތާހް ހުންނެވީ ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންގެ އިސްކޮމާންޑަރު ނުވަތަ އިންތިޤާލީ މަޖިލީހުގެ ޗީފް އޮފް ސްޓާފް ކަމުގެ މަޤާމުގައެވެ. -- އަލްޖަޒީރާ