20 May 2010, 09:58
14:30
ރާއްޖެ އަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވެގެން ކުރަމުންދާ ވިއްސާރައެއް ކަމަށް މޯލްޑިވްސް މީޓިރިއޮލިޖިކަލް ސާރވިސް ސެންޓަރުން ބުނެފި އެވެ.
މޯލްޑިވްސް މީޓިރިއޮލިޖިކަލް ސާރވިސް ސެންޓަރ ނުވަތަ މެޓް އޮފީހުގެ މީޓިރޮލިޖިކަލް ފޯކާސްޓަރ އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ހުޅަނގު މޫސުމުގެ ވިއްސާރަ ދެކުނުގެ ރަށްތަކަށް މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކުރަން ފަށާފައިވާ ކަމަށެވެ. އެހެންމަވެސް މިހާރު މިވިއްސާރަ ކުރަމުންދަނީ މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި މިހާރު ކުރަމުން މިދާ ވިއްސާރައިގައި ދެކުނާއި ހުޅަނގު ދެކުނުން 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނަކަށް ވައިގަދަވި ނަމަވެސް އެހެން ހިސާބުތަކަށް ވައިޖެހޭނީ 10 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނަކަށް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. ޝަރީފް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ތ.ވޭމަންޑޫއަށާއި، މާލޭގެ އިތުރުން ދ.ކުޑަހުވަދޫއަށް ކަމަށެވެ.
ޝަރީފް ވިދާޅުވީ އަވަށްޓެރި އިންޑިއާއަށް އައިސްގެން އުޅޭ ލައިލާ ތުފާނުގެ އަސަރާ މި ވިއްސާރަ އާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ރާއްޖެއަށް ކުރަމުން މިދާ ކުރަމުންދާ ހުޅަނގު ވިއްސާރަ އާ ގުޅިގެން އިއްޔެ ގއ.ކަނޑުހުޅުދޫ ގެ އެއްގެ މައްޗަށް ރުކެއްވެއްޓި އެގެއަށް ކޮންމެވެސް ވަރަކަށް ގެއްލުން ވެފައިވާ ކަމަށް އެއަތޮޅު އޮފީހުން ބުނެ އެވެ. މީގެ އިތުރުން ވެސް މެދުރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކުގެ މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށް ވެސް އެހިސާބުގެ ބައެއް ރަށްތަކުން ބުނެ އެވެ. މީގެ އިތުރުންވެސް މާލެ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދުއްވާ އެއްޗިއްސަށާއި ބައެއް ފަރާތަތަކަށް އުނދަގޫވަމުން ދިއުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ފެންހިންކުމުގެ މަސައްކަތްކޮށްފަ އެވެ.