25 Sep 2017, 19:42
ތަރައްގީއަށް ބޭނުންވާ މައިގަނޑު ތިންކަމެއްގެ މައްޗަށް ބިނާކޮށް، ދިރާގާއި ޔޫއެންޑީޕީން އިސްނަގައިގެން "ފިލްމް ފޯ ޗޭންޖް"ގެ ނަމުގައި ޒުވާނުން އުފެއްދި ކުރު ފިލްމު ޝްވެކް ސިނަމާގައި އަޅުވައިފިއެވެ.
މިއަދު ޝްވެކް ސިނަމާގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްވަމުން ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރު ސޯކޯ ނޯޑާ ވިދާޅުވީ "ފިލްމް ފީ ޗޭންޖް" ގެ ނަމުގައި ކުރު ފިލްމެއް އުފެއްދުމުގެ ހަރަކާތަކީ ޒުވާނުން ބާރުވެރި ކުރުވުމަށް ދިރާގާ ގުޅިގެން ކުރިޔަށް ގެންދިޔަ ހަރަކާތެއްކަމަށެވެ.
"އަޅުގަނޑުގެ އެދުމަކީ އެ ފިލްމްތައް އަދި އެ ފިލްމް ތަކުން ލިބޭ މެސްޖުތައް ވީހާވެސް ގިނަބަޔަކަށް ހިއްސާކޮށް ފޯރުކޮށްދިނުން،" ސޯކޯ ވިދާޅުވިއެވެ.
ދިރާގާއި ޔޫއެންޑީޕީ އިން ބުނީ، ކުރު ފިލްމް ތަކަކީ ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ މައިގަނޑު ތިން އަސާސްގެ މައްޗަށް ބިނާކޮށް އާންމު މުޖުތަމައަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި އެކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން އުފައްދާފައިވާ ފިލްމް ތަކެއް ކަމަށެވެ.
"ފިލްމް ފޯ ޗޭންޖް" އާ ބެހޭގޮތުން ވަހަކަފުޅު ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ އެ ހަރަކާތުގެ ސަބަބުން ދިރާގުގެ އެއް އަމާޒުކަމުގައިވާ، ޒުވާނުން ބާރުވެރިކޮށް މުޖުތަމައުގެ ތަރަށްގީއަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގެ އަމާޒް ހާސިލްކުރެވިގެންދާނެ ކަމުގައެވެ.
އެ ހަރަކާތުގެ ސަބަބުން ޒުވާނުންގެ ތެރެއިން ފިލްމީ ދާއިރާގައި ކުރިއަށްދާން ބޭނުންވާ ބަޔަކަށް މަގުފައިވެގެންދާނެކަމަށްވެސް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
ފިލްމް ފޯ ޗޭންޖަކި ރާއްޖޭގެ ފިލްމީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅުންގެ ޚިޔާލުގެ ދަށުން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. އޭގެތެރޭގައި އެޓާނަލް ޕިކްޗާސް، މަދޮށި އަދި ސްޓްރީކް ހިމެނެއެވެ.
ފިލްމް ފޯ ޗެންޖް ގައި ބައިވެރިވި ބައެއް ޒުވާނުން ބުނީ، އެ ހަރަކާތުގެ ސަބަބުން ވާހަކަލިޔުމާއި ޑައިރެކްޓް ކުރުމާއި ވީޑިއޯގްރަފީ އަދި ޕްރޮޑަކްޝަނާ ބެހޭގޮތުން ވަރަށް މުހިންމު ކަންތައްތަކެއް ދަސްވި ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ދިރާގާއި ޔޫއެންޑީޕީ އިން ހޯދައިދިން ކަމަށްޓަކައި ޒުވާނުން ވަނީ ޝުކުރުއަދާކޮށްފައެވެ.
ފިލްމް ފޯ ޗޭންޖް ގެ ބައިވެރިން ބުނީ ކުރިއަށް އޮތް ތަނުގައި އެފަދަ ފިލްމްތައް އަމިއްލައަށް ވެސް އުފައްދާނެ ކަމަށާއި މިފަހަރުގެ ފިލްމް ތަކުން ބޭނުންތެރި މެސެޖު ތަކެއް މުޖުތަމައުއަށް ފޯރުކޮށްދެވުނު ކަމަށް އުންމީދު ކުރާކަމަށެވެ.
"ފިލްމް ފޯ ޗޭންޖް" ގެ ނަމުގައި އުފެއްދި ކުރު ފިލްމް ދިރާގާއި ޔޫއެންޑީޕީ އިން ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނާ ހަމަޔަށް ގެނެސްދޭނެކަމަށް އެ ޖަމްއިއްޔާ އިން ބުނެޏެވެ.