25 Sep 2017, 18:27
ޖެޓުތައް ޖެއްސޭ ގޮތަށް ގއ. ކޫއްޑޫ އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް، އިތުރު ހިދުމަތްތައް ދެވޭ ގޮތަށް ތަރައްގީކޮށް، ރަސްމީކޮށް މިއަދު އެ އެއާޕޯޓް ހުޅުވައިފި އެވެ.
ކޫއްޑޫ އެއާޕޯޓު މޯލްޑިވްސްގެ ނަމުގައި އެ އެއާޕޯޓް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ.
ކޫއްޑޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މުހައްމަދު އަލީ ޖަނާހު ވިދާޅުވީ އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް ތަރައްގީކުރީ ރައީސް ޔާމީންގެ ލަފާފުޅުގެ މަތިން ކަމަށެވެ.
ކޫއްޑޫ އެއާޕޯޓުގެ ރަންވޭގައި ކުރިން ދިގުމިނަކީ ކުރިން 1200 މީޓަރު ކަމުގައިވިޔަސް، އަލުން ހުޅުވި އިރު ރަންވޭ ވަނީ 1800 މީޓަރަށް ބޮޑުކޮށްފަ އެވެ.

އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޫއްޑޫ އެއާޕޯޓުގައި 70 ވަޒީފާ އެބައޮތް ކަމަށެވެ. އަދި މިހާރު އެތަނުގެ ވަޒީފާގަައި ތިބީ ހުސް ދިވެހިންކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ ބޭނުންވާ ގޮތަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުން ކަމަށެވެ.
އެއާޕޯޓު މުވައްޒަފުންގެ ޔުނިފޯމުގެ ކުލަޔާ ވަރަށް ގަޔާވެ ރައީސް ޔާމީން ވަނީ ތައުރީފުގެ ބަސްތަކެއް އަމުނާލައްވާފަ އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޕާޓީގެ ކުލައަށް ވުމަކީވެސް ޕާޓީއެކޭ އެއްގޮތަށް މުވައްޒަފުން ވެސް ތެދުވެރިކަމާއެކު މަސައްކަތްކުރަން ޖެހޭ ސަބަބެއް ކަމަށެވެ.
އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ބައިވެރިވެ ވަޑައިގެންދަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ގއ. އަތޮޅުގެ ބައެއް ރައްޔިތުން ބައިވެރިވެވަޑައިގެންނެވި އެވެ.