25 Sep 2017, 18:29
ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން އަނިޔާގެ ސަބަބުން ކްލަބު ގްރީން ސްޓްރީޓްސްގެ ތަޖުރިބާކާރު ފޯވަޑް އަހްމަދު ރަޝީދު (އައްމަޑޭ) ބާކީކޮށް، ގްރީންގެ މުހައްމަދު ސާއިފް އަދި ޓީސީ ސްޕޯޓްސް ކްލަބުގެ މުހައްމަދު އައްޒާމަށް އަލުން ފުރުސަތު ދީފިއެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި އެންމެ ފަހުން އޮމާނާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުގައި ހިމެނުނު ދެ ކުޅުންތެރިޔަކު ވަނީ ޓީމުން ބާކީ ކޮށްފައެވެ. އައްމަޑޭގެ އިތުރުން ސްކޮޑުން ބާކީ ކޮށްފައި ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަންއެވެ.
ކޮލިފައިންގައި މިފެށޭ މަހުގެ 10 ވަނަ ދުވަހު އޮމާނާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗަށް ނެގި ސްކޮޑުން އައްމަޑޭ ބާކީ ކޮށްފައިވަނީ އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.ސަން ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން ގްރީންގެ ރައީސް އަހްމަދު ޝަޒީން ވިދާޅުވި ގޮތުގައި، އައްމަޑޭއަށް ދެން ކުޅުމުގެ ތެރެއަށް އާދެވޭނީ ތިން ހަފްތާ ފަހުންނެވެ.
ސްކޮޑުން އަލުން ޖާގަ ދިން ޓީސީގެ އައްޒާމް، އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މެޗެއް އެންމެ ފަހުން ކުޅެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އއ. މާޅޮހާ ދެކޮޅަށް ކުޅުނު މެޗުން އޭނާ ފެނުމަށްފަހު، މާޒިޔާ އަދި ގްރީންއާ ދެކޮޅަށް ޓީސީ ކުޅުނު މެޗުގައި އޭނާ ފެނިގެންދިޔައީ ބެންޗުންނެވެ.
ސްކޮޑަށް އަލުން ނެގި ގްރީންގެ ޑިފެންޑަރު ސާއިފް އެންމެ ފަހުން ލީގު މެޗެއްގައި ކުޅެފައިވަނީ މާޅޮސް އަތުން ބޮޑު ތަފާތަކުން ގްރީން މޮޅުވި މެޗުގައެވެ. އެ މެޗުގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެ މެޗަށްފަހު ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ކޯޗު ސޮބާހް މުހައްމަދު (ސޮބާ) އޭނާ ބޭނުންކޮށްފައެއް ނުވެއެވެ.
ގައުމީ ކޯޗު ޑެރަން ސްޓެވާޓް ނެގި ސްކޮޑުގައި މިހާރު ހިމެނެނީ ނިއުގެ އަށް ކުޅުންތެރިންނާއި މާޒިޔާގެ ހަ ކުޅުންތެރިންނާއި ޓީސީގެ ހަތަރު ކުޅުންތެރިންނާއި ގްރީންގެ ތިން ކުޅުންތެރިންނާއި ގދ. ތިނަދޫގެ ދެ ކުޅުންތެރިން އަދި ށ. މިލަންދޫގެ ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު އިމްރާނެވެ. ސްކޮޑުގައި ކީޕަރުންގެ ތެރޭގައި އިމްރާންގެ އިތުރުން ދެން ހިމެނެނީ ހަމައެކަނި ނިއުގެ ކީޕަރު މުހައްމަދު ފައިސަލްއެވެ.
އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑު:
ނިއު ރޭޑިއަންޓް
މުހައްމަދު ފައިސަލް - ގޯލްކީޕަރު
- އަޝްފާގު އަލީ (ދަގަނޑޭ)
- މުހައްމަދު ރަޝީދު (ހޮކޭ)
- އަހްމަދު އަބްދުﷲ (ލިލީ)
- އަލީ ފާސިރު (ސެންޓޭ)
- ހަމްޒާ މުހައްމަދު (ހަމްޕު)
- އަކްރަމް އަބްދުލްގަނީ (އަކޫ)
- ރިލްވާން ވަހީދު (ރިލޭ)
މާޒިޔާ
އަމްދާން އަލީ (އެންޑީ)
- ސަމޫހު އަލީ (ސަމުއްޓޭ)
- އަޝްއަދު އަލީ (އަޑުބަރޭ)
- މުހައްމަދު އުމައިރު
- އިސްމާއިލް އީސާ (މެސީ)
- މުހައްމަދު އިރުފާން (އިރޭ)
ގްރީން ސްޓްރީޓްސް
ޝާފިއު އަހްމަދު (ޝާފީ)
- މުހައްމަދު ސާއިފް
- އިބްރާހިމް ރިޒުހާން
ޓީސީ
އަހްމަދު ޒާދު
- ހަސަން ނާއިޒް (ދާދު)
- އިބްރާހިމް ވަހީދު ހަސަން (އިއްބެ)
- މުހައްމަދު އައްޒާމް
ތިނަދޫ
އިމްރާން ނަޝީދު
- އަހްމަދު ރިޒުވާން
މިލަންދޫ
މުހައްމަދު އިމްރާން - ގޯލްކީޕަރު