ރައްޔިތުންގެ މަޖިލީހުގެ މ. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތު ކުރަނީ އެންމެ މެމްބަރަކަށް ރިޝްވަތު ދިނުމުން ކަމަށް ދައުލަތުން ބުނެފިއެވެ.

އޭނާގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފައެވެ.

ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ފާރިސްގެ މައްޗަށް އެ ދައުވާ ކުރަނީ، މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް ނިންމުމުން، މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ބޭނުންވާ 42 މެމްބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެމްބަރަކަށް ރިޝްވަތު ދީފައިވާތީ ކަމަށެވެ.

އެ ދައުވާގައި ފާރިސް ރިޝްވަތު ދިން ތާރީހާއި ވަގުތާއި ތަން އަދި ރިޝްވަތުގެ ގޮތުގައި ދިން ފައިސާގެ އަދަދު ހިމަނާފައި ނުވާތީ ދައުވާ ސާފު ނުވާކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ، ހާދިސާ ހިނގި ތާރީހެއް އެއްވެސް ލިޔުމެއްގައިވެސް ހިމަނާފައި ނުވާނެ ކަމަށާއި، އެއީ ފުލުހުންގެ ތަހުގީގުންވެސް އެ ހާދިސާ ހިނގި ސީދާ ވަގުތެއް ހޯދިފައި ނުވާތީ ކަމަށެވެ. އެހެން ނަމަވެސް އެ ހާދިސާ ހިނގާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ފަހުން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިޝްވަތު ދެއްވި ދުވަހާއި ވަގުތު ދައުވާގައި ނެތް ނަމަވެސް މެންބަރަކަށް ރިޝްވަތު ދެއްވިކަން އެ މެންބަރު ތަހުގީގަށް ދެއްވާފައިވާ ބަޔާނުން އެނގޭ ކަމަށެވެ.

ދައުލަތުން ހެކީގެ ގޮތުގައި ނުވަ ހެއްކެއް ހުށަހަޅާފައިވެ އެވެ. އެގޮތުން ދެ ފުލުހަކާއި، މެމްބަރުންގެ ނަންތައް ލިޔެފައިވާ އޭ ފޯ ސައިޒްގެ ގަނޑެއްގެ އިތުރުން އެ މައްސަލާގައި ތުހުމަތު ކުރެވުނު މުހައްމަދު ޝާފިއު އިތުރު މީހަކާ އެކު ދައްކާފައިވާ އޯޑިއޯ ރިކޯޑިންއެއްގެ އިތުރުން އެ ރިކޯޑިންގެ ސްކްރިޕްޓް ހުށަހަޅާފަިއވެ އެވެ. އަދި ފުލުހުން ތައްޔާރުކޮށްފައިވާ އޯޑިއޯ އެނަލިސިސް ރިޕޯޓަކާއި މޮބައިލް ފޮރެންސިކް ރިޕޯޓެއް ހުށަހަޅާފައިވެ އެވެ.

އޭގެ އިތުރުން އެ މައްސަލާގައި ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ އާންމު މެންބަރު، ލ. ފޮނަދޫ، ސްވީޓްފްލާވާ، އަހުމަދު ޝާފިއުގެ ފޯނުން ފެނުނު، މައްސަލައާ ގުޅޭ ފޮޓޯތަކަކާއި މެސެޖްތަކެއް ވެސް ހެކީގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފައެވެ.

މިއަދުގެ އަޑުއެހުމުގައި ފާރިސް ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފައެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ދިން ކަމުގެ ދައުވާ ކޮށްފައިވަނީ، ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުންނެވެ. އެ ދައުވާ ފާރިސްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ކަންތައްތައް ހުށަހެޅުމަށް ފާރިސްއަށް ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ފުރުސަަތު ދީފައެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމަށްފަހު ދެން އަޑުއެހުމެއް އޮންނާނީ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށް ގާޒީ މިއަދު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ފާރިސް ބަންދުން ދޫކޮށްލުމަށް އެދުނު ނަމަވެސް ގާޒީ ނިންމެވީ އޭނާ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.