25 Sep 2017, 18:18
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލައިގެން ސަރުކާރުން ތައާރަފް ކުރި (އެސްއެމްއީ) ލޯނަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފި އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގް ވިދާޅުވީ، އެސްއެމްއީ ލޯނަށް ފޯމު ހުށައެޅުމަށް ހުޅުވާލައިފަވާ މުއްދަތު އިތުރުކުރުމަށް އާމުން އެދެމުން އަންނަ ކަމަށެވެ.
ތައުފީގު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ފޯމު ހުށައެޅުމުގެ މުއްދަތު ހަމަވާގޮތަށް އޮތް ނަމަވެސް މިހާރު އެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެސްއެމްއީ ލޯނަށް ފޯމު ހުށައެޅޭން ކަމަށް ތައުފީގު ވިދާޅުވިއެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ މުއްދަތު އިތުރު ކޮށްފައިވީ ނަމަވެސް ވީހާވެސް އަވަހަހަށް ފޯމު ހުށައެޅުމުގެ ކަންނަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. ސަބަބަބީ އެންމެ ފަހު ވަގުތު ފޯމު ހުށަހަޅައި ފޯމުގަ ހުންނަ މައްސަލަ ހައްލުކޮށް އަލުން ފޯމު ހުށަހަޅަން ވަގުތު ދޭން އުނދަގޫވާނެތީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.