ރައްޔިތުންގެ މަޖިލީހުގެ މ. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ބަންދުން ދޫކުރަން ނުޖެހޭކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުުމުގައި ފާރިސްގެ ވަކީލު މައުމޫން ހަމީދު ވަނީ ފާރިސް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ އިޖުރާއީ ނުކުތާއެއް ނަންގަވާފައެވެ.

މައުމޫން ހަމީދު ވިދާޅުވީ، ހައިކޯޓުން މިދިޔަ މަހު ކުރި ހުކުމެއްގައި ރިޝްވަތު ދިނުމަކީ ޖިނާއީ ބޮޑު ކުށެއް ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ހައިކޯޓުގެ އެ ހުކުމުގައި މީހެއްގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ ކުޑަ ކުށެއްގައި ކަމުގައިވާނަމަ އޭނާގެ 15 ދުވަހަށވުރެ ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށް މައުމޫން ހަމީދު ފާހަގަ ކުރެއްވި އެވެ.

މައުމޫން ހަމީދު ވަނީ ފާރިސް ބަންދުގައި ހުންނަވާތާ 68 ދުވަސް ވެފައިވާ ކަމަށާއި، ހައިކޯޓުގެ ހުކުމަށް ދަށު ކޯޓުން ތަބާވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ، ހައިކޯޓުން ނިންމި ނިންމުމަކީ، އަހުމަދު ޝާފިއުގެ މައްސަލާގައި ނިންމި ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ދޫކޮށްލީ އޭނާއާ ދެކޮޅަށް ހެކި ނެތުމުން ކަމަށާއި، ޝާފިއުއަށް ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާ ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ފާރިސް ބަންދުން ދޫކޮށްލުމާ މެދު ގޮތް ނިންމަމުން ގާޒީ ވިދާޅުވީ، ފާރިސްއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުރި ކަމަށެވެ. އަދި ހެކީގެ ގޮތުގައި ދައުލަތުން ސިއްރު ހެކި ހުށަހަޅާފައިވާ ކަމަށާއި، ފާރިސް ބަންދުން ދޫކޮށްލާފައި ބަހައްޓައިފި ނަމަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭތީ ބަންދުން ދޫކުރެވެން ނެތް ކަމަށެވެ.