ރޯދަމަހު ގިނައިން ހެޔޮ ކަންތައްކޮށް އެކަކު އަނެކަކަށް އަޅާލުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ހުކުރު ދުވަހު ދެއްވާ ރޭޑިއޯ ޚިތޯބުގައި މރަޢީސް ވިދާޅުވީ ރޯދައިގެ ބޭނުންތައް ކިތަންމެ ގުނައަކަށްވާއިރު، ބަނޑުހައިހޫނު ކަމުގައި ތިބި ނިކަމެތި ފަޤީރުންނާއި، ބަދުނަސީބު ގޮތްތައް ދިމާވެފައިތިބި މީހުންގެ މަތިން ހަނދާންކޮށް، މާތްރަސްކަލާނގެ ކިބައަށް، ޝުކުރުވެރިވުން އެއީ، ރޯދައިގެ އެންމެބޮޑު އެއްބޭނުން ކަމަށެވެ.

ރައީސް އަދި ވިދާޅުވީ ރޯދަ މަހުގައި ވީހާވެސް ގިނަ ހެޔޮކަންތައްކޮށް، އެކަކު އަނެކަކާއަޅާލުމާއި އިޚްލާސްތެރިވުމާއި، އިހްސާންތެރިވުމާއި، އީމާންތެރިވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. އަދި އެންމެންނަކީ ހުރިހާ ރޯދަ މަހެއްގައި ވެސް، އެމަހަކަށް އަބަދުވެސް އުންމީދުކުރާ އަދި ރޯދައިގެ އުފާވެރިކަމާއި ރޯދައިގެ އަޅުކަން ލިބިގަންނަން ބޭނުންވާ، އެކަން ކުރަން ބޭނުންވާ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ރޯދައަކީ، އެނގިވަޑައިގަންނަވާނެ، ބަދުރު ހަނގުރާމައިގެވެސް މަސް، މައްކާ ފަތަޙަކުރެވުނު ވެސް މަސް. އަދި ވަކިން ޚާއްޞަކޮށް ރޯދައަކީ، ޤުރްއާން ވެސް ބާވައިލައްވަން ފެށުނު މަސް. އަޅުގަނޑުމެންނަށް މި މަހާ ގުޅޭގޮތުން ދީނީ ދަންނަ ބޭކަލުން ދެއްވާފައިވާ ހެޔޮލަފާ އިރުޝާދާއި ނަސޭހަތް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދީނީ ދަންނަ ބޭކަލުންގެ ނަސޭހަތްތަކާ އެއްގޮތަށް ރޯދަމަހުގައި ޢަމަލުތައް ބެހެއްޓުމަކީ، ކޮންމެހެން ބޭނުންތެރިކަމެއްކަމަށާއި އަހަރަކު މި ލިބެނީ މިފަދަ އެންމެ މަހެއް ކަމަށެވެ. އަދި މިމަހުގެ ބޭނުން ފުރިހަމަ ގޮތުގައި ބޭނުން ކުރުމަކީ ބުއްދިވެރިކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރޯދަމަހުގެ ތެރޭ ސަރުކާރުގެ އެހެން މަސައްކަތް ހިނގަމުންދާނެ ކަމަށާއި އަދި އެހެން މަސްތަކަށް ވުރެ ރޯދަމަހުގައި އެންމެންގެ ވަރުބަލިކަން ބޮޑުވާނެ ކަމަށެވެ.

"ހައިހޫނު ކަމުގައި ތިބީމާ، ބައެއް ފަހަރަށް ރުޅިވެސް ގަދަވެދޭ. އެހެންނަމަވެސް، ރޯދައިގެ އެއްބޭނުމަކީ، ކެތްތެރިކަން އަޅުގަނޑުމެން ލިބިގަތުން. އެހެންވީމާ، ރުޅިވެރިކަން ތިރިކޮށް، ކެތްތެރިވެ އަޅުގަނޑުމެން މި މަހުގައި ވީހާވެސް ހެޔޮކޮށް އުޅުމަކީ، އަޅުގަނޑުމެން އެންމެންނަށްމެ، މަންފާއާއި ލާބަ ލިބޭނެ ކަމެއްކަން ކަށަވަރު،" ރައީސް ވިދާޅުވި އެވެ.