އިރާގައި ކުރުދިސްތާނާ ގުޅުން ކެނޑިފައިވާ ކަމަށާއި އަލުން ކުރުދިސްތާނުން އިރާގާ ގުޅޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ކުރުދިސްތާނުގެ ރައީސް މަސްއޫދު ބަރުޒާނީ ވިދާޅުވެއްޖެ އެެވެ.

އިރާގާއި ކުރުދިސްތާނާ ދެމެދު އުފެދިފައިވާ މައްސަލަތަކުގައި މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެހެންނަމަވެސް މިނިވަންކަން އިއުލާން ކުރުމަށް ނަގާ ވޯޓް ކެންސަލް ނުކުރާނެ ކަމަށް ބަރުޒާނީ ވިދާޅުވި އެވެ.

އިރާގުގެ ކިބައިން މިނިވަންވުމަށް ކުރުދީން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މިއަދު ވަނީ ހަމަޖެހިފަ އެވެ.

މިނިވަންކަން އިއުލާން ކުރުމަށް ޓަކައި ނެގުމަަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާ ބެހޭ ގޮތުން ބަރުޒާނީ އިއްޔެ ވަނީ ކުރުދީންނާއި ބައިނަލަގްވާމީ މީޑިއާތަކާ އެކު ނޫސް ކޮންފަރެންސެއް އިރާގުގެ ކުރުދިސްތާނުގެ އިރްބީލް ޑިސްޓްރިކްޓުގައި ބާއްވައިފަ އެވެ.

އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ވަނީ ފެންނަ ނުފެންނަ ވޯޓާ ވަރަށް ބޮޑަށް ދެކޮޅުހައްދަވައިފަ އެވެ. އަދި އިރާގުގެ ދަށުގައި ހިމެނޭ ހުރިހާ ސަރަހައްދުތައް އެ ގައުމުގެ ބާރުގެ ދަށުގައި ބާއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އަލް އަބާދީ ވިދާޅުވި އެވެ.

ހިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި އިރާގުގެ ކިބައިން މިނވަންވުމަށް ގިނަ ބަޔަކު އާއެކޭ ބުނާނެ އެވެ. ފެންނަ ނުފެންނަ ވޯޓަށް ފަހު އިރާގުގެ ކިބައިން މިނިވަންވުމަށް ފުރިހަމަ ކުރަން ޖެހޭ މަރުހަލާތައް ދެ އަހަރު ދުވަހަށް ދިގު ދެމިގެން ހިނގާދޭނެ ކަމަށް ވެސް ބަރުޒާނީ ވިދާޅުވި އެވެ. އަދި އިރާގުން ކުރުދީންނަށް އެއްބާރުލުން ދޭނަމަ އެއަށް ވުރެ އަވަހަށް ވެސް އެ މަރަހަލާތައް ކަޑައްތުކުރެވޭނެ ކަމަށް ވެސް ބަރުޒާނީ ވިދާޅުވި އެވެ.

އިރާގުގެ ކިބައިން މިނިވަންވުމަށް ނަގާ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ކުރުދިސްތާނުގެ ދިދަތައް ފިހާރައިގައު ވިއްކަނީ--

ގަލްފު ހަނގުރާމައިގެ ދުވަސްވަރު ސައްދާމްގެ ސަރުކާރު ސިފައިން ކުރުދީންނާ ދެކޮޅަށް ހިންގި ގަތުލް އާންމަށް އިޝާރާތްކުރައްވައި ބަރުޒާނީ ވިދާޅުޥީ ތާރީހުން އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ އެކަން ބޮޑު މުސީބާތަކަށް ވެގެން ހިނގައިދާނެ ކަމަށެވެ. އަދި އެފަދަ ގަތުލް އާންމުތަކުން ކުރުދީންގެ މުސްތަގުބަލު ރައްކާތެރި ކުރުމަށް ޓަކައި އޮތް ހަމައެކަނީ ދޮރަކީ މިނިވަންކަން ކަމަށް ބަރުޒާނީ ވިދާޅުވި އެވެ.

އިރާގުން ކުރުދީންނަށްދޭ އެހީތައް އިތުރުކޮށްފި ނަމަ އިރާގުގެ ބައެއްގެ ގޮތުގައި ކުރުދިސްތާން އޮންނާނެތޯ އެހުމުން ބަރުޒާނީ ވިދާޅުވީ އެއްވެސް ގޮތަކަށް އިރާގާ ގުޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"މިނިވަންވުމަށް ވޯޓު ދީފި ނަމަ ރައްޔިތުންގެ އެދުންތަކަށް އަޅުގަނޑުމެން ކިހިނެއްތޯ ފުރަގަސް ދޭނީ." ބަރުޒާނީ ވިދާޅުވި އެވެ.