އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ސްޓޯސް ސިޓީ އާ ދެކޮޅަށް ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާ ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ތައުރީފުކޮށްފި އެވެ.

ސްޓޯކްގެ މައްޗަށް 0-4 އިން ޗެލްސީ ކުރި ހޯދި މި މެޗުގައި މޮރާޓާ ވަނީ ހެޓްރިކް ހަދައިފަ އެވެ. މިއާ އެކު އޭނާ ވަނީ ލީގުގައި މިހާތަނަށް ހަ ލަނޑު ކާމިޔާބުކޮށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ މަގާމަށް ޖެހިލައިފަ އެވެ.

މިދިޔަ ހަފްތާގައި އާސެނަލް އާ ކުޅެ 0-0 އިން އެއްވަރު ވި މެޗަށް ފަހު ގިނަ ބަޔަކު ވަނީ މޮރާޓާ އަށް ލީގުގެ ވަރުގަދަ ކުޅުންތެރިންނަށް ފައިޓެއް ދެވޭނެ ކަމާމެދު ސުވާލު އުފައްދައިފަ އެވެ. ނަމަވެސް ސްޓޯކު ފަދަ ރަނގަޅު ޑިފެންސް އެއް އޮންނަ ޓީމަކާ ދެކޮޅަށް ތިން ލަނޑު ޖަހައި މޮރާޓާ ވަނީ ކޮންޓޭ އަށް އޭނާގެ މުހިންމުކަން ސާބިތު ކޮށްދީފަ އެވެ.

"މޮރާޓާ އަކީ މިހާރު އަހަރެމެން ކުޅުނުގެ ސްޓައިލަށް ފެތޭ ކުޅުންތެރިއެއް. އޭނާ ވަރަށް ވަރުގަދަ. މިއަދުގެ މެޗުން އެކަން ފެނިގެންދާނެ. އޭނާ އަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ކުޅުންތެރިއެއް. އޭނާ މި ލީގަށް ވަރަށް އަވަހަށް ހޭނިއްޖެ." ކޮންޓޭ ބުންޏެވެ.

މޮރާޓާގެ ރަނގަޅު ފޯމުގެ ސަބަބުން ޗެލްސީގެ އެޑެން ހަޒާޑު އަށް އޭނާ އަށް ލިބުނު އަނިޔާގެ ސަބަބުން ފިޓަނަސް ރަނގަޅު ކުރުމަށް ވަގުތު ދެވޭނެ ކަމަށް ކޮންޓޭ ބުންޏެވެ. ހަޒާޑު ވަނީ ސްޓޯކު މެޗުގެ ފަހު 20 މިނެޓު ކުޅެފަ އެވެ.

"އަހަރެންނަށް ހީވާގޮތުގައި ހަޒާޑު މެޗަކަށް ވުރެ މެޗެއް އެ ދަނީ ފިޓް ވަމުން. އެކަހަލަ ނުރައްކާތެރި ހަމަލާއެއްގެ ސަބަބުން އޮޕަރޭޝަންކޮށް މެޗު ފިޓްނަސް އަށް އައުމަކީ އުނދަގޫ ކަމެއް. ނަމަވެސް މިހާރު އޭނާ އެހުރީ ރެޑީ ގައި." ކޮންޓޭ ބުންޏެވެ.

ފައިގެ ކުޑަ ހުޅު ބިނދުމުގެ ސަބަބުން ހަޒާޑަށް ސީޒަނުގައި އަދި ގިނަ ވަގުތު ކުޅެވޭ ގޮތެއް ނުވެ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑް އާ ދެކޮޅަށް ކުޅޭ މެޗުގައި ހަޒާޑު ގިނަ ވަގުތަށް ދަނޑުމަތިން ފެނިގެން ގޮސްދާނެ ކަމުގެ އިޝާރާތެއް ކޮންޓޭ ވަނީ ކޮށްފަ އެވެ.