ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވި ނޭމާއަށް މުސާރައިގެ ގޮތުގައި އަހަރަކު 36.8 މިލިއަން ޔޫރޯ ލިބޭ ކަމަށް ފުޓުބޯޅަ ލީކްސް އިން ބުނެފިއެވެ.

ފުޓުބޯޅަ ލީކްސް އިން ބުނި ގޮތުގައި މި މުސާރައާއެކު ނޭމާ އަކީ މިވަގުތު ދުނިޔޭގައި ހުރި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިޔާއެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާގެ ކުލަބަކަށް ކުޅެމުން އަންނަ ކާލޯސް ޓެވޭޒް އެވެ.

ބާސާ ދޫކޮށް ނޭމޭ ޕީއެސްޖީއަށް ބަދަލުވީ މިދިޔަ ޓްރާންސްފާ ސީޒަނުގައެވެ. ގާތްގަނޑަކަށް 222 މިލިއަން ޔޫރޯގެ ފީއަކަށް ނޭމާ ޕީއެސްޖީއަށް ބަދަލުވުމާ ގުޅިގެން އޭނާ ވެގެން ގޮސްފައި ވަނީ ފުޓުބޯޅަ ތާރީހުގައި ވެސް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.

ފުޓުބޯޅަ ލީކްސްއިން މި ހަފްތާ ބަންދުގައި ނެރުނު ރިޕޯޓުގައި ވާ ގޮތުން ޕީއެސްޖީ އިން ނޭމާއަށް މަހަކު ތިން މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައިދެއެވެ. މިއީ ދުވާލެއްގެ މައްޗަށް 100،000 ޔޫރޯއެވެ. އަދި ގަޑި އިރަކަށް 4000 ޔޫރޯއެވެ.

ނޭމާއަށް ވުރެ މުސާރަ ބޮޑު ހަމައެކަނި ކުޅުންތެރިޔާ ކުރީގެ އާޖެންޓީނާގެ ފޯވާޑް ޓެވޭޒަށް ޝަންހާއީ ޝެންހުއާއިން އަހަރަކު 38.4 މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ދެއެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ބާސާގެ ތަރި ލިއޮނަލް މެސީ އޭނާގެ އައު ކޮންޓްރެކްޓުގައި ބާސާ އާއެކު ސޮއި ކުރުމުން އޭނާއަށް އަހަރަކު 40 މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ލިބޭނެއެވެ. އެއާއެކު ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރިއަށް މެސީ ޖެހިލާނެއެވެ.