ހދ. ކުޅުދުއްފުށީގައި ހިއްކާފައިވާ 29 ހެކްޓަރުގެ ބިމުން ރައްޔިތުންނަށް ގޯތި ވިއްކުމުގެ މަޝްރޫއު ރޯދަ މަހުގެ ކުރިން އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ، ބިންވެރިކުރުމުގެ ޕްރޮގްރާމް މާލޭގެ އިތުރުން އަތޮޅު ތެރެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާ ކަމަށާއި އެގޮތުން ކުޅުދުއްފުށީގައި އެ މަސައްކަތް ރޯދަ މަސް ފެށުމުގެ ކުރިން އިއުލާންކުރާނެ ކަމަށެވެ.

ބިން ވިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނީ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަންގާރަ ދުވަހު އުފެއްދެވި ކުޅުދުއްފުށި ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ކަމަށް ޒުހެއިރު ވިދާޅުވި އެވެ. އެއީ ސަރުކާރުގެ 51 ޕަސަންޓް ހިއްސާއާއި ކުޅުދުއްފުށި ކައުންސިލްގެ 49 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ.

ރަށުން ބިން ވިއްކާނީ ފޯމް ހުށަހަޅައި ފަރާތްތަކުގެ ތެރެއިން ކުޅުދުއްފުށި ކައުންސިލުން ބަލައި، ޝަރުތުތައް ހަމަވާ ކަމަށް ކަނޑައަޅައި ފަރާތްތަކަށް ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް އަހަމިއްޔަތުކަން މިދެއްވަނީ ކުޅުދުއްފުށި ރަށު ކައުންސިލުން ޝަރުތައް ބައްލަވާ، ކަނޑައަޅުއްވައި ދަންނަވައި ބޭފުޅުންނަށް. އެބޭފުޅުންނަށް ކުޅުދުއްފުށި ބޯޑުން ބިން ކަނޑައަޅުއްވާ ކަހަލަ ގޮތަކަށް ހަމަޖައްސަވައިފަ މިއޮތީ،" ރައީސްގެ ތަރުޖަމާނު ވިދާޅުވި އެވެ.

ކުޅުދުއްފުށި ކައުންސިލްގައި އޮންނަނީ އެމްޑީޕީގެ އަޣުލަބިއްޔަތެވެ.

އެ ކައުންސިލާއި ސަރުކާރު ހިމެނޭ ގޮތަށް އުފެއްދެވި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުވެސް މިއަދު ވަނީ އެކުލަވާލައިފަ އެވެ. ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ، ސަރުކާރުން އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ވ. ރަންދި، މުހަންމަދު ހުނައިފެވެ.

ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަން ކުރެއްވި އެހެން މެންބަރުންނަކީ، ހދ. ކުޅުދުއްފުށީ އިނގުރުމާގޭ ސާލިޙު ހުސައިނާއި، އެރަށު ތަރި މުހަންމަދު ޒުހައިރާއި، އަދި އޯޝަންވިލާ ހަސަން ޒިޔާދެވެ. މިބޯޑަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން އައްޔަން ކުރެއްވި މެންބަރުންނަކީ، އެރަށު ޕެޝާވަރު އަންވަރު އަބޫބަކުރާއި، އަސްރަފީގޭ އާދަމް މުހަންމަދާއި، އާކާޝް މުހަންމަދު އިބްރާހީމެވެ.

ރައީސް އޮފީހުން ބުނީ، ގދ. ތިނަދޫގައި ރައްޔިތުންނަށް ބިން ވިއްކުމަށްޓަކައި ސަރުކާރާއި އެރަށުގެ ކައުންސިލް ހިމެނޭ ކުންފުންޏެއް ގާއިމްކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ރަށްރަށުގެ ކައުންސިލްތަކުން ބިން ދޫކުރުމުގެ މަސައްކަތްކުރާއިރު ސަރުކާރު ހިއްސާވާ ކޯޕަރޭޝަންތައް އުފައްދަވައިގެން އެ މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބައިތޯ ދެންނެވުމުން ރައީސްގެ ތަރުޖަމާނު މިއަދު ވިދާޅުވީ، އެ ކޯޕަރޭޝަންތައް އުފައްދަނީ ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ބިން ހިއްކާފައިވާ އާބާދީ ބޮޑު ރަށްރަށުން ވިޔަފާރި އުސޫލުން ބިން ވިއްކުމުގެ ބޭނުމުގައި ކަމަށާއި އަދި އެކަން ފައިދާ ހުރި ގޮތަކަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ނަމަވެސް، ބިން ހައްގުވާ ފަރާތްތައް ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ރަށު ކައުންސިލްތައް ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.