ދިވެހި ޒުވާނުންނަށް ފައްކާ ވެއްޓެއް ގާއިމްކޮށް އެމީހުންގެ ވާހަކަ އެހާ ބޮޑަށް ދެއްކެވި ރައީސެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނޫނީ ރާއްޖޭގައި މިއިން ޒަމާނަކު ވެސް ނެތް ކަމަށް އިކޮނުމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިކޮނިމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން 1000 ފޮޓޯގްރާފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގެ ދަށުން ފޮޓޯގްރާފަރުން ދަސްވެނިމުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ދިވެހި ޒުވާނުންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ޓަކައި ރާއްޖޭގެ އިގްތިސާދު ބަދަލުގެނައުމަށް ރައީސް ޔާމީން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

24 ސެޕްޓެމްބަރު 2017: 1،000 ފޮޓޯގްރާޕަރުން ދަސްވެނިމުން ފާހަގަކުރުމަށް ދަރުބާރުގޭގެއި ރޭ ބޭއްވި ރަސްމިޔާތުގައި ކޯސް ފުރިހަމަކުރި ޒުވާނުންނާއެކު ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް---

"ރައީސުލްޖުމްހޫރިއްޔާއާ އެކު އަޅުގަނޑަށް ކުރެވުނު ދަތުރުތަކުގައި ވެސް އަދި އެކިއެކި ބޭރުގެ ސަރުކާރުތައް ރެޕްރެޒެންޓޭޓް ކުރަން ދިވެހިރާއްޖެ އަށް ވަޑައިގެންނެވި ފަރާތްތަކުގައި ހަމަގައިމު ވެސް އަޅުގަނޑަށް އިނދެވުނު ކޮންމެ މީޓިންއެއްގައި ފުރަތަމަ ވެސް ރައީސުލްޖުމްހޫރިއްޔާގެ އިސް ވާޖިބަކަށް ވަނީ ދިވެހި ޒުވާނުންނަށް ޓަކައި އަދަށް ވުރެ ފަހި މާދަމާއެއް ގާއިމުކުރުމަށް ޓަކައި ދިވެހި އިގްތިސާދަށް ބަދަލެއް ގެންނަން އެމަނިކުފާނު ކުރައްވާ މަސައްކަތް،" ސައީދު ވިދާޅުވި އެވެ.

24 ސެޕްޓެމްބަރު 2017: 1،000 ފޮޓޯގްރާޕަރުން ދަސްވެނިމުން ފާހަގަކުރުމަށް ދަރުބާރުގޭގެއި ރޭ ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމިން ވާހަކަދައްކަވަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް--

ސައީދު ވިދާޅުވީ ރައީސްގެ ސިޔާސަތުގެ ދަށުން ދިވެހި ފޮޓޯގްރާފަރުންނަށް ފުރުސަތު ހޯދައިދިނުމަށް އެކަށައެޅުއްވި ސަޔާސަތުގެ ދަށުން މިހާރު ރާއްޖޭގެ ރިސޯޓްތަކުގައި ވަރަށް މަދުން ނޫނީ ބޭރުގެ ފޮޓޯގްރާފަރުން ނުފެންނަ ކަމަށެވެ. އަދި އެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ގިނަ ޒުވާނުންނަށް ވަޒީފާތައް ލިބި އެމީހުންނަށް ވަރަށް ރަނގަޅު އާމްދަނީއެއް ވެސް މިހާރު ލިބެމުންދާ ކަން ވެސް މިނިސްޓަރުގެ ވާހަކަގައި ފާހަގަކުރެއްވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ މާލެއާއި ރާއްޖޭގެ އެކި ރައްރަށުން 414 ޒުވާނުން ފޮޓޯގްރާފީ ކޯސް ފުރިހަމަކޮށް ދަސްވެ ނިންމައިފަ އެވެ. އަދި މީގެ ކުރިން ވެސް އެ ޕްރޮގްރާމުގެ ދަށުން 200 އަށް ވުރެ ގިނަ ކުދިން ތަމްރީންވެފައިވާ އިރު މިހާރު ވެސް ގިނަ ކުދިންތަކެއް ދަނީ ޕްރޮގްރާމް ފުރިހަމަ ކުރަމުންނެވެ.