އިޓާލިއަން ސެރީއާގައި ސަމްޕްޑޯރިއާ އަތުން އޭސީ މިލާން ބަލިވިއިރު، ފަހު ވަގުތު ގެނޯއާ އަތުން އިންޓަ މިލާން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި އިއްޔެ ކުޅުނު މެޗުގައި ސަމްޕްޑޯރިއާ އަތުން އޭސީ މިލާން ބަލިވެފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ކުރީކޮޅު ސަމްޕްޑޯރިއާގެ ފަރާތުން ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެންދިޔައެވެ. އެ ދެ ހަމަލާ ވެސް ފެނިގެންދިޔައީ އެ ޓީމުގެ ޑުވާން ޒަޕާޓާގެ ފަރާތުންނެވެ. ޒަޕާޓާގެ އެ ދެ ހަމަލާގެ ހުރަހަކަށްވީ މިލާންގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ވެސް ސަމްޕްޑޯރިއާގެ ޒަޕާޓާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މިލާންގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޒަޕާޓާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ކީޕަރު ޑޮނަރުއްމާއާ ދިމާލަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ސަމްޕްޑޯރިއާގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 72 ވަނަ މިނެޓުގައެވެ. ސަމްޕްޑޯރިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުޅި މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ޒަޕާޓާއެވެ. އޭނާ އެ ލަނޑު ޖެހިއިރު، މިލާންގެ ޑިފެންސް ލައިންގެ ގިނަ ގޯސްތަކެއް ފާހަގަވެގެންދިޔައެވެ.

ސަމްޕްޑޯރިއާ އިން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. މިލާންގެ އިތުރު ޑިފެންސިވް ގޯސްތަކެއްގެ ފައިދާ ނަގައި، ސަމްޕްޑޯރިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު ރިކީ އަލަވަރޭޒްއެވެ. އެ ލަނޑު ޖެހުމުގައި ވެސް ޒަޕާޓާގެ ދައުރު ފާހަގަކޮށްލެވެއެވެ.

އިޓާލިއަން ސެރީއާގައި އިންޓަ މިލާނާއި ގެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އިންޓަ މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އަމިއްލަ ދަނޑުގައި ގެނޯއާއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިލާން މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. މިސީޒަނުގެ ސެރީއާގައި އިންޓަ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އިންޓަ ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

މިއަދު ގެނޯއާއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޓަ މިލާނުން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ ޑެނީލޯ ޑި އެމްބްރޯސިއޯއެވެ. އެ ލަނޑަށްފަހު މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ގެނޯއާގެ ދެ ކުޅުންތެރިޔަކަށް ރަތް ކާޑެއް ވެސް ދައްކާފައިވެއެވެ. ރަތް ކާޑު ދެއްކީ ގެނޯއާގެ ސްޓެފަން އޮމެއޮންގާ އާއި އަޑެލް ތާރަބަތު އަށެވެ.

ސެރީއާގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، އިންޓަ އޮތީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ތިން ވަނައިގައެވެ. އޭސީ މިލާން އޮތީ 12 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ. ތާވަލުގެ އެއް ވަނައިގައި އޮތް އޮތް ނަޕޯލީއާއި ދެ ވަނައިގައި އޮތް ޔުވެންޓަސްއަށް ލިބިފައިވަނީ 18 ޕޮއިންޓެވެ.