24 Sep 2017, 22:27
ރެއާލް މެޑްރިޑާއެކު ސްޕެއިންގެ ޒުވާން މިޑްފީލްޑަރު މާކޮސް ލޮރެންޓޭ ހަދާފައިވާ އެއްބަސްވުން ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކޮށްފި އެވެ.
އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައިވާ ކަން އެ ކްލަބުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ދެން އެ ކްލަބާއެކު ލޮރެންޓޭ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 21-2020 ސީޒަނަށްފަހުއެވެ.
ލޮރެންޓޭ އަކީ ރެއާލްގެ ފަސްޓް ޓީމް ކުޅުންތެރިންގެ ތެރެއިން އެންމެ ފަހުން އެއްބަސްވުން އާ ކުރި ކުޅުންތެރިޔާއެވެ. މި މަހުގެ ތެރޭގައި ސްޕެއިން މިޑްފީލްޑަރު އިސްކޯއާއި ބްރެޒިލް ޑިފެންޑަރު މާސެލޯ އަދި ސްޕެއިން ޑިފެންޑަރު ޑެނީ ކާވޭހަލް ވެސް ވަނީ އެއްބަސްވުން އާކޮށްފަ އެވެ.
އެންމެ ފަހުން ރެއާލްގެ އެއްބަސްވުން އާކުރި ލޮރެންޓޭ ވަނީ މި ސީޒަނުގައި އެ ޓީމުން ތިން މެޗެއްގައި ފެނިފަ އެވެ. އޭގެ ތެރޭގައި ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅެ، 2-1 ލަނޑުގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގައި ލޮރެންޓޭ ފެނިގެންދިޔައެވެ. އަލަވޭސް އަކީ މިދިޔަ ސީޒަނުގައި ލޯނުގެ ދަށުން އޭނާ ކުޅުނު ކްލަބެވެ.
ލޮރެންޓޭ އަކީ ސްޕެއިންގެ 19 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.