24 Sep 2017, 16:14
އުރީދޫއާއި މަޝްހޫރު ގިޓަރިސްޓް އަހްމަދު ފަސީހް (ފަސީ) ގުޅިގެން ގިޓާ ކުޅުމަށް ޝައުގުވެރިވާ ޒުވާން ގިޓަރިސްޓުންނަށް، އެކުދިންގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމުގެ ގޮތުން ހާއްސަ ސެޝަނެއް ބާއްވައިފި އެވެ.
އުރީދޫއިން ބުނީ މިދިޔަ ހުކުރު ދުވަހު ޕީއެސްއެމް ސްޓޫޑިއޯގައި "ލާރން ޓު ޕްލޭ ގިޓާ ވިތު ފަސީ"ގެ ނަމުގައި އެ ސެޝަން ކުރިޔަށްގެންދިޔައީ ޒުވާން ގިޓަރިސްޓުންގެ ބައިވެރިވުމާ އެކު، އެއް ދުވަހުގެ ވާކްޝޮޕެއް ގޮތަށެވެ.
އެ ސެޝަނުގައި ގިޓާ ކުޅުމުގެ ބޭސިކްސް އާއި މިއުޒިކްގެ ޑިސިޕްލިންތައް ބައިވެރިންނަށް ދަސްކޮށްދެވިފައިވާނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

ޒުވާން ގިޓަރިސްޓުންނަށް އެކުދިންގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމުގެ ގޮތުން ފަސީ އާއެކު ބޭއްވި ވާކް ޝޮޕް -- ފޮޓޯ/ އުރީދީ
އުރީދޫގެ ހެޑް އޮފް ބްރޭންޑް، ޑިޖިޓަލް އެންޑް ޕީއާރް ސޮމެން ޑޭ ވިދާޅުވީ، ޒުވާނުންގެ ހުވަފެންތަކާއި ކުރިމަގުގައި ކުރަން ބޭނުންވާ ކަންކަން ހާސިލްކުރުމަށް އުރީދޫ އިން އެހީތެރިވެދީ އެކަންކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕްރޮގްރާމްތައް ހިންގުމަށް ޓަކައި އުރީދޫއިން އިންވެސްޓްކުރާ ކަމަށެވެ.
"މި ބާއްވާ ސެޝަނުގެ މަގްސަދަކީ، މިއުޒީޝަނުންނަށް އެ ދާއިރާގައި ކުރިއެރުން ހޯދުމަށް ބޭނުންވާ ޑިސިޕްލިން އަދި އެހެނިހެން ހުނަރުތައް ދަސްކޮށްދިނުން. ފަސީ ފަދަ މި ދާއިރާގައި ނަމޫނާއެއްގެ ގޮތުގައި ބެލެވޭ ފަރާތަކާ ގުޅިގެން މި ޕްރޮގްރާމް ހިންގުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް.،" ސޮމެން ޑޭ ވިދާޅުވި އެވެ.
ލީޑް ގިޓަރިސްޓް އަހްމަދު ފަސީހް ވިދާޅުވީ، އުރީދޫއިން އޮގަނައިޒް ކޮށްގެން އެ ބޭއްވި ވާކްޝޮޕަކީ ފަހުގެ ތާރީހެއްގައި އެހާ ފުޅާކޮށް ގިޓާ ވާކްޝޮޕެއް ބޭއްވިގެން ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ. އެ ވާރކްޝޮޕްގައި ބައިވެރިވި ކުދިންގެ ހުނަރު ތަރައްގީވެ، އެކުދިންނަށް ރަނގަޅުގޮތުގައި އެ ދާއިރާއިން ކުރިޔަށް ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ފަސީ ވިދާޅުވި އެވެ.

ޒުވާން ގިޓަރިސްޓުންނަށް އެކުދިންގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމުގެ ގޮތުން ފަސީއާ އެކު ބޭއްވި ވާކް ޝޮޕް -- ފޮޓޯ/ އުރީދީ
"މިއުޒިކް ތިޔަރީ ފަދަ ކަންކަމުގެ އިތުރުން، މި ދާއިރާގައި އަމަލީގޮތުން ގެންގުޅެންޖެހޭ ޑިސިޕްލިންތަކާއި، އަންޑަސްޓޭންޑިން ބައްޓަންކުރަންވީ ގޮތާއި، މިއުޒީޝަނެއްގެގޮތުން ކަންކަންކުރުމުގައި ދެކެންވީގޮތްތައް ކިޔާދެވުނު." ފަސީ ވިދާޅުވި އެވެ.
އުރީދޫއިން އެފަދަ ވާކްޝޮޕެއް ހިންގުމަށް އިސްނެގުމަކީ ޒުވާން މިއުޒީޝަނުންނަށް ފުރުސަތު ހޯދައިދީ އެކުދިންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށްދޭ އަހަމިއްޔަތު ދައްކުވައިދޭ ކަމެއްކަމަށް ފަސީ ވިދާޅުވި އެވެ.
ކުރިޔަށް އޮތް ތަނުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ފަދަ ވާރކްޝޮޕްތައް ހިންގުމުގައި ފަސީއާއި ފަސީގެ ޓީމްގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށްވެސް ފަސީ ވިދާޅުވި އެވެ.