ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މައާފްދެއްވުމާ ގުޅިގެން މިނިވަންވާ ގައިދީންގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ކުށްކުރުން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ނުދެކޭ ކަމުގައި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒުހެއިރު ވިދާޅުވީ، ސަރުކާރުން 400 އެއްހާ ގައިދީންނަށް "ދެވަނަ ފުރުސަތު" ދިނުމަށް ނިންމާފައިވަނީ ވަރަށް ބޮޑަށް ބެލުމަށްފަހު ކަމަށާއި އެގޮތުން މީގެ ކުރިން މުޖުތަމައުއަށް ނެރުނު 119 ގައިދީންގެ ތެރެއިން ނުސިޔާނު އަމަލެއް ހިންގައިގެން އަނބުރާ ބަންދުކުރަން ޖެހުނީ އެންމެ ދެމީހުން ކަމަށެވެ.

"ކުށްކުރުން އިތުރުވާނެ ކަމަށް ދެކެވޭކަށް ނެތް. އެހެން މިދަންނަވަނީ ތަފާސްހިސާބުތަކުގެ މައްޗަށް ބުރަވެ ހުރެ. މީގެ ކުރިން 119 ފަރާތަކަށް އަދަބު ލުއިކޮށްދެއްވާ، ގެއަށް ބަދަލުކޮށްދިނުމުގެ ފުރުސަތެއް. މި ފުރުސަތުގައި ނުސިޔާނު އަމަލެއް ހިންގައިގެން ނުވަތަ ނުސިޔާނު ކަމެއް ކޮށްގެން އަނބުރާ ގެންދަން ޖެހުނީ އެންމެ ދެމީހުން. އެހެންވީމަ 119 އަކުން ދޭއް އެއީ ވަރަށް މަދު، ކުޑަ ނިސްބަތަކެވޭ އަޅުގަނޑު ދަންނަވާނީ،" ރައީސްގެ ތަރުޖަމާނު
ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މާލެ ތެރޭގައި މާރާމާރީއާއި އެބާވަތުގެ އެކިއެކި ކަންތައް ހިނގަމުންދިޔަ ކަމަށާއި އެހެންނަމަވެސް، އެއީ ބަންދުގައި ތިބެފައި ދޫކޮށްލެވުނު ފަރާތްތަކުން ހިންގި ކަމެއް ނޫން ކަމުގައި ޒުހެއިރު ވިދާޅުވި އެވެ. އަދި ވިދާޅުވި "މިހާރުވެސް ބައެއް ކަހަލަ މާރާމާރީއާއި ރަށު ތެރެ ފާލުން ނައްޓުވާލުން ކަހަލަ ކަންތައްތަކަކީ" ސިޔާސީ ވާދަވެރި ފަރާތްތަކާ ގުޅިފައި ހުރި ކަންތައްތައް ކަމަށެވެ.

"މިސާލަކަށް ޒުވާނުން މިކުރި މުޒާހަރާގައިވެސް ތަންތަން ރޯކޮށްލުމާ އެބާވަތުގެ ކަންތައްތައް ކުރުމުގައި ކުރީ ސަފުގައި ތިބި ބަޔަކު ފަހުން އަނެއްކާ ނުރައްކާތެރި ބަޔަކު ހައްޔަރުކުރުކުރުމުގެ ތެރޭގައި ހައްޔަރުކުރަން ވެސް ޖެހުނީ. އެހެންވީމަ އެއެކީ ކޮންމެހެން ބަންދުގައި ތިއްބައި ދޫކޮށްލުމަކުން މެދުވެރިވާ ކަމެއް ކަމަކަށް އަޅުގަނޑު ނުދަންނަވާނަން،" ޒުހެއިރު ވިދާޅުވި އެވެ.

ޒުހެއިރު އަދި ވިދާޅުވީ، މިނިވަންކުރާ ގައިދީންގެ ނަންތައް ސަރުކާރުން އާއްމުކުރާނެ ކަމަށެވެ.

"ކުރިއަށް އޮތް ހަފްތާއެއް ދެހަފްތާއެއްހާ ތެރޭގައި ލިސްޓް ހާމަކުރެވޭނެ. އެކަން ހަމަޖެހެމުންދިޔަ ވަރަކަށް ]ގައިދީންގެ[ ނަންތައް އާއިލާއަށް ވެސް، ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވަމުންދާނީ. ހާމަނުކުރައްވާނެ އެއްވެސް ކަމެއް މިސަރުކާރަކުން ނުގެންގުޅުއްވާނެ." ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.

ނިމިގެންދިޔަ 46 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މައާފްދެއްވަން ނިންމަވާފައިވާ ގާތްގަނޑަކަށް 400އެއްހާ ގައިދީންނަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް މިއަދު ވަނީ އިފްތިތާހުކޮށްފަ އެވެ. އެގޮތުން މިނިވަން ކުރާ ގައިދީން މިނިވަން ކުރުމުގެ ކުރިން މުޖުތަމައުގައި އުޅެންވީ ގޮތް ދަސްކޮށްދިނުމަށް ލައިފް ސްކިލް ޕްރޮފްރާމްތަކެއް ހިންގުމަށް ރޭވިފައިވާ ކަމުގައި ހޯމް މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮގްރާމްތަކުގައި ބައިވެރިނުވާ ގައިދީން އަނބުރާ ޖަލަށް ލާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ގައިދީން މުޖުމަތައަށް ނުކުންނަ އިރު މަދުވެގެން 2000ރ. ލިބޭ ވަޒީފާއެއް ހަމަޖެހިފައި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަދަނައިގައި އެމީހުން ރަޖިސްޓްރީކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ވަޒީފާގެ ފުރުސަތުތައް ހަމަޖެހިފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.