ސަލްޓަން ޕާކު ރީ ޑިޒައިންކޮށް "ރަސްރަނި ބަގީޗާ"ގެ ނަމުގައި އަލަށް ހުޅުވި ޕާކު ކައިވެނި ހަފްލާތަކަށް ގަޑިއިރަކަށް 25،000 ރުފިޔާއަށް ދޫކުރަން ނިންމައިފި އެވެ.

ރަސްރަނި ބަގީޗާގައި ހަފްލާތަކާއި ޕާޓީތަކާއި އެކިއެކި އިވެންޓްތައް ބޭއްވުމަށް ދޫކުރާ އަގުތައް ކަނޑައަޅައި މިއަދު ވަނީ ގެޒެޓުގައި އާންމުކޮށްފައެވެ.

އެގޮތުން އުފަން ދުވަސް އަދި ކައިވެނި ހަފްލާތަކާއި ޕާޓީތަކަށް މުޅި ޕާކު ގަޑި އިރަކަށް ދޫކުރާނީ 25،000 ރުފިޔާއަށް ކަަމަށް ހައުސިންގް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

އަދި އެފަދަ ހަފްލާތަކަށް ތަން ދޫކުރާ ގޮތަށް ހަމަޖެހިފައިވަނީ މަހަކު ހަތް ދުވަހު ކަމަށާއި އެއަށްވުރެ ގިނައިން ދޫ ނުކުރާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ.

" މީގެ އިތުރުން ރަސްރަނި ބަގީޗާގެ އެކިބައިތައް ކަނޑައެޅޭ އަގެއްގައި ކުއްޔަށް ދޫކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވޭ" އިއުލާނުގައި ބުނެފައިވެ އެވެ.

ރަސްރަނި ބަގީޗާ ކުއްޔަށް ދޫކުރާ އުސޫލު

  • ރަސްރަނި ބަގީޗާގެ އެމްޕްތިއޭޓަރު ވިޔަފާރި ހަރަކާތްތަކަށް ގަޑިއިރަކަށް 1000 ރުފިޔާ
  • ރަސްރަނި ބަގީޗާގެ އެމްޕްތިއޭޓަރު އިޖުތިމާއީ ހަރަކާތްތަކަށް ގަޑިއިރަކަށް 500 ރުފިޔާ
  • ރަސްރަނި ވިއު ފުރަތަމަ ފަންގިފިލާ ވިޔަފާރި ހަރަކާތްތަކަށް ގަޑިއިރަކަށް 500 ރުފިޔާ
  • ރަސްރަނި ވިއު ފުރަތަމަ ފަންގިފިލާ ސަރުކާރު އޮފީސްތަކުން ބާއްވާ ބައްދަލުވުންތަކަށް ގަޑިއިރަކަށް 300 ރުފިޔާ
  • ރަސްރަނި ވިއު ފުރަތަމަ ފަންގިފިލާ އަމިއްލަ ފަރުދުން ބާއްވާ ހަރަކާތްތަކަށް ގަޑިއިރަކަށް 100 ރުފިޔާ

އެތަންތަނުގައި ކުޑަކުދީންގެ ހަވީރު ސްކޫލްތަކުންނާއި ޖަމްޢިއްޔާ ތަކުން ހިންގާ ކުޑަކުދިންގެ ހަރަކާތްތައް ހިންގުމަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ކޮންމެ ތަނެއްވެސް ކުއްޔަށް ނެގޭނީ މަދުވެގެން ގަޑިއިރަކަށް ކަމަށާއި އަދި ގިނަވެގެން ފަސް ގަޑިއިރަށް ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ކުއްޔަށް ދޫކުރި ނަމަވެސް ޕާކުގައި ހަދާފައިވާ ވިނަގަނޑުގައި އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

" އެއްވެސް ހަރަކާތަކަށް ދޫކުރާ ތަނެއް ޓޭޕް ފަދަ އެއްޗެއް ޕާކުގައި ދަމާ، ޕާކުގެ ރީތިކަމަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް ނުކުރެވޭނެ،" އިއުލާނުގައި ވަނީ ބުނެފައެވެ.

ރަސްރަނި ބަގީޗާ ކުއްޔަށް ހިފުމަށްޓަކައި ދައްކަންޖެހޭ ޖުމްލަ ފައިސާގެ 50 ޕަސަންޓް، ޑިޕޮސިޓްގެ ގޮތުގައި ބަަހައްޓަން ޖެހޭނެ ކަމަށްވެސް ހައުސިންގް މިނިސްޓްރީން ބުންޏެވެ.