24 Sep 2017, 14:57
ތަރައްގީގެ މަގުގައި މެދުފަންތީގެ ގައުމުތަކަށް ކުރިއަށް ދެވޭނީ ފައިސާއާއި އެހީތެރިކަން ލިބިގެންކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.
އދ.ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި އިއްޔެ ތަގުރީރު ކުރައްވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ ރާއްްޖެއަކީ ވެސް މެދުފަންތީގެ ގައުމެއް ކަމަށާއި މެދުފަންތީގެ ގައުމުތަކަށް ލިބެންހުރި މާލީ އެހީތައް ދަނީ ބަންދުވަމުން ކަމަށެވެ.
"ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން މެދުފަންތީގެ ގައުމެއް. ތަރައްގީގެ މަރުހަލާގެ މެދުފަންތީގެ ގައުމުތަކަށް މާލީގޮތުން ލިބެން ހުންނަ ވަސީލަތްތައް ދަނީ ބަންދުވަމުން. ތަރައްގީގެ މަގުގައި މިގައުމުތަކަށް އިތުރަށް ކުރިއަށް ދެވޭނީ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާއާއި އެހީތެރިކަން ލިބިގެން،" ޑރ. އާސިމް ވިދާޅުވިއެވެ.
ޖެނެރަލް އެސެމްބްލީގެ ބައްދަލުވުން ހިނގަމުންދާއިރު އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން ސެޝަންތަކެއް ދަނީ ބާއްވަމުންނެވެ.
މިނިސްޓަރުގެ ތަގުރީރުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ވެސް ވަނީ އަލިއަޅުއްވާލައިފައެވެ. މޫސުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާނީ ކުދި ޖަޒީރާ ތަކުގެ ގައުމުތަކަށްކަމަށާއި ރާއްޖެއަކީ ވެސް އެފަދަ ގައުމެއްކަމަށާއި އެކަމުގެ ސަބަބުން ސަލާމަތީ ކަންތައްތަކަށް ފުރިހަމައަށް ތައްޔާރުވާން ޖެހޭކަމަށް މިނިސްޓަރު އާސިމް ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރުގެ ތަގުރީރުގައި، ކާރިސާތަކުން ކުރިމަތިވާ ކަންކަމަށް އަރައިގަތުމަށް ކުރެވޭ މަަސައްކަތްތަކާއި ޖިންސީ ހަމަހަމަ ކަމާ ގުޅުން ހުރި މައްސަލަތަކަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިއްމު ދެ ޞިނާޢަތް ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަން ބިނާވެފައިވަނީ ރާއްޖޭގެ ކަނޑުތަކުގެ މުއްސަނދިކަމުގެ މައްޗަށްކަމަށާއި އެކަމުގެ ސަބަބުން ކަނޑުތަކުގެ ދިރުން އާލާކުރުމާއެކު ކަނޑުތަކުގެ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އިގްތިސާދު ދެމެހެއްޓުމަށް ރާއްޖެއިން މަސައްކަތްކުރާ ކަމަށް ޑރ. އާސިމް ވިދާޅުވިއެވެ.
މިހާރު ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކާ މެދު ރާއްޖޭގެ އޮތް ކަންބޮޑުވުންތަކުގެ މައްޗަށް ވެސް މިނިސްޓަރުގެ ތަގުރީރުގައި އަލިއަޅުއްވައި ލެއްވިއެވެ. އެގޮތުން ސޫރިޔާ އާއި މިޔަންމާގެ މައްސަަލައާ މެދު މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.